އެމެރިކާގެ ޓެކްސަސްގެ މީހަކު ހަރުފައެއް ދެ ބުރިކޮށްލުމުން ވެސް އޭނާގެ ގައިގައި ދަތްއަޅައި ވިހަ ލުމުން ފުރާނައަށް ނުރައްކާވެ، އެމަޖެންސީގައި ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
މި ބިރުވެރިކަމާ ކުރިމަތިވި މީހާގެ އަންހެނުން ކަމަށްވާ ޖެނިފާ ސަޓްކްލިފް ބުނީ އޭނާގެ ފިރިމީހާއަށް ހަތަރު ފޫޓުގެ ހަރުފަ ފެނުނީ ގޭގެ ބަގީޗާގައި އުޅެނިކޮށް ކަމަށެވެ. އޭނާ ގޮސް ހަރުފަގެ ބޯ ބުރިކޮށްލި ކަމަށް ވެސް ޖެނިފާ ބުންޏެވެ.
އޭނާގެ ގައިގައި ދަތްއެޅީ، އަންހެނުން ބުނި ގޮތުގައި، ބޮލާ ވަކިވެފައި އޮތް ބައި ނަގައިގެން ގެންދަން އުޅެނިކޮށެވެ.
ހަރުފައެއް މަރުވިޔަސް އޭގެ ވިހައިގެ އަސަރު އެތައް ގަޑިއިރަކަށް ދެމިގެންދެ އެވެ. އެހެންކަމުން ބޯ ބުރިކޮށްލާފައި އޮތަސް، އެ ދަތް އަޅައިފި ނަމަ ނުރައްކާ ބޮޑުވެ އެވެ.
ޖެނިފާ ބުނި ގޮތުގައި އެ ހަރުފަ ދަތްއެޅިތާ މާ ގިނަ އިރެއްނުވެ ފިޓް ޖެހެން ފެށި އެވެ. އެހެންވެ އިތުރު ފަރުވާ ހޯދަން ހެލިކޮޕްޓަރުގައި އެހެން ހޮސްޕިޓަލަކަށް ގެންދަން ޖެހުނެވެ.
މި ހާދިސާ އިން އޭނާ ސަލާމަތްވީ ވިހައާ ދެކޮޅަށް ދޭ ބޭހުގެ 26 ޑޯޒްއަށް ފަހު އެވެ. އެކަމަކު އަދިވެސް ކިޑްނީގެ މަސައްކަތްތައް ދަށް ކަމަށް، ޖެނިފާ ބުންޏެވެ.
ބައެއް ތަޖުރިބާކާރުން ގެންދަނީ ހަރުފަ މަރާލުމާ ދެކޮޅަށް އިރުޝާދުދެމުންނެވެ. އެ މީހުން ބުނާ ގޮތުގައި އެގޮތަށް މަރާލައި، ނުވަތަ ބުރިކޮށްލާ ބައިތައް ނަގަން އުޅޭ އިރު ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.