އެމެރިކާގެ އޮރެގޮންގައި އަންހެނަކު އޭނާގެ ކަންފަތުގައި ތޮރުފާފައިވާ ލޯވަޅަށް އޭނާ އޮޅުކޮށްގެން ގެންގުޅޭ ހަރުފައެއް ވަދެ ތާށިވެއްޖެ އެވެ.
އެޝްލީ ގްލޯ ކިޔާ މި އަންހެންމީހާ ވަނީ ހަރުފަ ނަގަން ހޮސްޕިޓަލަށް ގޮސް ހުރެ ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. އޭނާ ބުނީ ކަންފަތު ފޫޅުގަނޑުގައި ހަރުފަ ތާށިވެގެން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދާން ޖެހުމަކީ އެންމެ މޮޔަކޮށް ދިމާވި ކަންތައް ކަމަށެވެ.
އަންހެންމީހާ ބުނި ގޮތުގައި ބާޓްގެ ނަން ދީފައިވާ މި ހަރުފަ އޭނާގެ އަތުން ހިފަހައްޓައިގެން ހުއްޓާ ފޫޅުގަނޑުގައި އިން ލޯވަޅުގެ ތެރެއަށް ދެމިގަތީ ކަމަށެވެ.
އޭތި ދެމިގަތްލެއް އަވަސްކަމުން އޭނާއަށް ވެސް ވީނުވީ ނޭނގުނީ ކަމަށް އަންހެންމީހާ ބުންޏެވެ. އަދި ހަރުފަ ނުނެރެވިގެން އުޅެނިކޮށް ފޫޅުގަނޑުގެ ތެރޭގައި ތާށިވީ ކަމަށް ބުންޏެވެ.
ހޮސްޕިޓަލަށް ދިޔައިރުވެސް އަންހެންމީހާ ކަންބޮޑުވީ ހަރުފައަށް ގޮތެއް ވެދާނެތީ އެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.
އަންހެންމީހާގެ އެކުވެރިން ގާތު ބުނެފައި ވަނީ ޑޮކްޓަރުން ކަންފަތު ފޫޅުގަނޑު އައްސިކޮށްފައި ދަމައި ފުޅާކޮށްލައިގެން ހަރުފަ ނެރުނީ ކަމަށެވެ. ނަސީބަކުން ކަންފަތް ވެސް ހަލާކުނުވެ ސަލާމަތްވީ އެވެ.