ކެމްޕެއިންގައި އުޅުއްވަނިކޮށް ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް މިއަދު ދިން ބަޑީގެ ހަމަލާއަށް ފަހު، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.
އަބޭ އަވަހާރަވިކަން ޖަޕާންގެ ރަސްމީ މީޑިއާ އެންއެޗްކޭ އިން ވަނީ އަބޭގެ ޕާޓީގެ އިސް އޮފިޝަލަކާ ހަވާލާދީ ކަށަވަރުކޮށްދީފަ އެވެ.
"އެލްޑީޕީ [ލިބެރަލް ޑިމޮކްރަޓިކް ޕާޓީ] ގެ އޮފިޝަލަކު ވަނީ، ކުރީގެ ބޮޑުވަޒީރު އަބޭ އަށް ފަރުވާ ދެމުން ގެންދިޔަ ނާރާ ރީޖަންގެ ކަށިހާރާ ސިޓީގެ ހޮސްޕިޓަލެއްގައި އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައި،" އެންއެޗްކޭ އިން ބުންޏެވެ.
އުމުރުން 67 އަހަރުގެ އަބޭ އަށް ހަމަލާ ދިނީ މާދަމާ އޮންނަ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގައި ކެމްޕޭނުގައި ބޭއްވި އެއްވުމުގައި އާންމުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. ޖަޕާންގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރު ކަމަށްވާ އަބޭ އަށް ހަމަލާ ދީފައި ވަނީ ފުރަގަހުން މެޔާ ދިމާލަށެވެ.
ހަމަލާ ދިނުމާ އެކު އޭނާ ބިންމައްޗަށް ވެއްޓެ އެވެ. ހަމަ އެ ވަގުތު ފުލުހުން ވަނީ ހަމަލާ ދިން މީހާ ވެސް އެ ސަރަހައްދުން އަތުލައިގެންފަ އެވެ. އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ދޭން ބޭނުންކުރި ހަތިޔާރަކީ އަމިއްލަ އަށް ހަދާފައި އޮތް އެއްޗެކެވެ.
ޖަޕާންގެ އެންމެ މަޝްހޫރު ޕޮލިޓީޝަން ކަމަށްވާ އަބޭ އަވަހާރަކޮށްލަން ދިން ހަމަލާ އަކީ އެ ގައުމުގައި އާދަޔާ ހިލާފް ކަމެކެވެ. ޖަޕާނަކީ ބަޑި ގެންގުޅުމުގައި ވަރަށް ހަރުކަށި ގަވައިދުތަކެއް އޮންނަ އެފަދަ ކުށްތައް މަދު ގައުމެކެވެ. އެ ގައުމުގެ އާބާދީ 125 މިލިއަނުގައި އުޅޭއިރު ބަޑީގެ ހަމަލާތަކުގައި އަހަރަކު މަރުވާ މީހުންގެ އަދަދު އާންމުކޮށް އުޅެނީ 10 އިން ދަށުގަ އެވެ. ބަޑި ގެންގުޅުމުގެ ލައިސަންސް ހޯދުމަކީ ޖަޕާނުގައި ވަރަށް އުނދަގޫ ކަމެކެވެ.
އަބޭ އަށް ހަމަލާދިނީ ޖަޕާނަށް މިއަދު މެންދުރުވާން އުޅެނިކޮށް، ނާރާ ރީޖަންގައި އަބޭ ސްޕީޗެއް ދެއްވަނިކޮށެވެ. އަބޭ އުޅުއްވީ ސެކިއުރިޓީންނާ އެކީގައި ކަމަށް ވިޔަސް އެއްވުމުގައި ބައިވެރިވި މީހުންނަށް ފަސޭހަކަމާ އެކު އަބޭގެ ކައިރިއަށް ގޮސް އުޅެވޭ ގޮތަށް އޮތީ ދޫކޮށްލައިފަ އެވެ.
އެންއެޗްކޭ އިން އާންމުކުރި ފުޓޭޖުތަކުން ފެންނަ ގޮތުގައި އަބޭ އަށް ހަމަލާދިން މީހާ އަބޭ ކައިރިއަށް ދިޔައީ ފުރަގަހުންނެވެ. އަދި ކުއްލިއަކަށް ދަބަހަކުން އެއްޗެއް ނަގައި ހަމަލާ ދިނީ އެވެ. ބެލެބޭ ގޮތުގައި އޭނާ ދެ ފަހަރަކަށް ހަމަލާ ދިނެވެ. އެވަގުތު ބާރު އަޑަކާ އެކު އޮލަ ދުންގަނޑެއް އެރި އެވެ. ޖަޕާންގެ މީޑިއާ އިން ބުނާ ގޮތުގައި ހަމަލާ ދޭން ބޭނުންކުރި އެއްޗަކީ އަމިއްލައަށް ހަދާފައި އޮތް ބަޑިއެކެވެ.
ޖަޕާނުގައި ސިޔާސީ ބޭފުޅަކަށް އަމާޒުކޮށް މިދިޔަ 50-60 އަހަރު ތެރޭ ވެސް މިފަދަ ހަމަލާއެއް ދީފައެއް ނުވެ އެވެ. މިފަދަ ކަމެއް އެންމެ ފަހުން ވެސް ހިނގާފައި ވަނީ 1960 ވަނަ އަހަރު އެވެ. އެ އަހަރު ޖަޕާންގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު އިނެޖީރޯ އަސަނުމާ އަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލި އެވެ. އެކަމަކު އިންތިހާބަކަށް މިހާ ކުޑަތަންވެފައި އޮއްވައި ސިޔާސީ ބޭފުޅަކަށް އަމާޒުކޮށް ހަމަލާދެއް ދިނުމަކީ އަދި އެ ގައުމުގައި ވީ ކަމެއް ނޫނެވެ. -- އޭއެފްޕީ