ޓޯކިޔޯ (އޮގަސްޓް 28) - ސިއްހީ ސަބަބުތަކަށްޓަކައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އެލްޑީޕީ ޕާޓީން ބުނެފި އެވެ.

ގޮހޮރުގެ އާލާސްކަންފުޅެއްގައި އަބޭ އުޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ފަހަކަށް އައިސް ބަލީގެ ހާލަތު ގޯސްވުމުން ހަފުތާއެއްގެ ތެރޭ ދެ ފަހަރަށް ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފައިވެ އެވެ. ގޮހޮރުގެ އާލާސްކަންފުޅާ ގުޅިގެން 2007 ވަނަ އަހަރު ވެސް އަބޭ ވަނީ ކުޑަ ދުވަސްކޮޅަކަށް މަގާމުން ވަކިވެވަޑައިގެންފަ އެވެ. ރަސްމީ ޓީވީ އެންއެޗްކޭ އިން ބުނެފައި ވަނީ ސަރުކާރުގެ ހިންގުމަށް އެއްވެސް މައްސަލައެއް ދިމާވާން އަބޭ، 65، ބޭނުން ނުވާ ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވާ އަބޭ އަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު މެދުނުކެނޑި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާ ވެސް މެ އެވެ. އަބޭގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

އަބޭގެ ބޮޑުވަޒީރުކަމުގައި ވަނީ ޖަޕާނުގެ އިގްތިސާދު ވަރުގަދަކޮށް، ދިފާއީ އަށް ކުރާ ހޭދަ އިތުރުކޮށްފަ އެވެ.

ޖަޕާނުގެ ގާނޫނު އޮންނަ ގޮތުން ބޮޑުވަޒީރަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ހާލަތެއް ދިމާވެއްޖެ ނަމަ ވަގުތީ ބޮޑުވަޒީރަކު މަގާމާ ހަވާލުވާން ޖެހެ އެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބަކީ ފައިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ތާރޯ އަސޯ އެވެ. ބޮޑުވަޒީރުގެ ނައިބަށް ފަހު މަގާމާ ހަވާލުވާން ދެން ހުންނަވާނީ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިޑާ ސުގާ އެވެ.