ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ދަނިކޮށް ބަޔަކު ވަދެގަނެ ތަކެއްޗަށް ގެއްލުންދީ ބިރުދައްކައި އިންޒާރު ދީ ހިންގި ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމްގެ ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލްގެ އިތުރުން ޝޭހް އާދަމް ނިޝާން އާއި ޝޭހް ފަޒްލޫން މުހައްމަދު ވެސް މިރޭ ހައްޔަރުކޮށްފި އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ)އާ އެކު ޖުމްލަ ހަ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. ޝޭހް ފަޒްލޫން އަކީ ޔޯގާ އިވެންޓް ހުއްޓުވުމަށް ދަނޑުކައިރިއަށް މީހުން އެއްވާން ގޮވާލި އެކަކެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ޔޯގާއާ ދެކޮޅަށް އަޑުއުފުލި މީހުންނަށް ދިދަތައް ދީ އެ މީހުން އެތަނަށް ފޮނުވީ ޕީޕީއެމުންނެވެ. ހެނދުނު 6:30 ގައި އޮތް އިވެންޓް ހުއްޓުވުމުގެ އަޑުއުފުލުމަށް އެ ޕާޓީގެ އޮފީހުން ފަތިހު ފަހެއް ޖެހިއިރު ދިދަތައް ނެރޭ ފޮޓޯ ވަނީ އާއްމުވެފަ އެވެ.
އެ ފޮޓޯ އިން ފެންނަ ގޮތުގައި ޕާޓީގެ ދިދަތައް ދޫކުރުމުގައި އިސްކޮށް މުހައްމަދު އިސްމާއިލް ހަރަކާތްތެރިވެ އެވެ.
ޕީޕީއެމުން ރަސޫލާގެ ދިފާއުގައި މާލޭގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތައް ހިފައިގެން ގޮސް ދަނޑު ބޭރުގައި ނުރުހުންފާޅުކުރުމަށް ފަހު އެތެރެއަށް ގަދަކަމުން ވަދެގަނެ، ބައެއް މީހުންނަށް ހަމަލާދޭ ތަން ވެސް ވީޑީއޯތަކުން ފެނެ އެވެ. އެއް ވީޑިއޯއަކުން ފެންނަނީ ދިދައަކުން މީހެއްގެ ގައިގައި ޖަހާ މަންޒަރެވެ.
ފުލުހުން ބުނެފައި ވަނީ ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށް މިއަދު ވަނަވަރު ވެސް އާއްމުކޮށްފައިވެ އެވެ.
ޕީޕީއެމުން ވަނީ ޔޯގާ އިވެންޓުގައި ހިންގި ހަމަނުޖެހުން ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ދިދަތައް ދިނަސް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އެއީ ސަރުކާރުން އެ ޕާޓީގެ ބޮލުގައި އަޅުވަން ހިންގި ކަމެއް ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ހަމަނުޖެހުމާ ގުޅިގެން ޕީޕީއެމަށް ފާޑުކިއުން އަމާޒުވުމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގަން ފުލުހުން ފުރުސަތުދިނީ ކަމަށެވެ. ހަމަނުޖެހުމުގެ އިންޓެލް މައުލޫމާތު ލިބި، އެ ކަން ނުހުއްޓުވީ ޕީޕީއެމްގެ ބޮލުގައި އެޅުވުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޔޯގާގެ ހަރަކާތްތައް ރާއްޖޭގައި ބާއްވާފައިވެ އެވެ. ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވަން އާއްމުންގެ ތެރެއަށް ވަދެގަނެ ހަމަލާދީ ހަރަކާތްތެރިވި ގޮތަކީ ނުރައްކާ ހިސާބަކަށް ހާލަތު ދިއުން ކަމަށްވާތީ އެކަން ބެލުމަށް ސަރުކާރުން ވަނީ ވަޒީރުންގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.