އިންޑިއާ އައުޓް ހަރަކާތް ހިންގާތީ ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމުން ވެސް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތުން ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް މުހައްމަދު އިސްމާއިލް ހައްޔަރުކޮށް، އޭނާގެ ބަންދު އިތުރުކުރުމަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީ އެވެ.
ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިޔަސް ފުލުހުން ވަނީ އިއްޔެ ރޭ ކެފޭއެއްގައި އިންދާ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. އެކަމަކު މިފަހަރު ވެސް ބަންދު އިތުރު ކުރުމަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް އިދިކޮޅު ޕާޓީގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުހައްމަދު އިސްމާއިލް ދޫކޮށްލީ ޖިނާއީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ނުދެއްކުމުންނެވެ.
މުހައްމަދު އިސްމާއިލް ހައްޔަރުކުރި އަމުރުގައިވާ ގޮތުން އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒުވާނޭހެން ލިޔެފައިވާ ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޭނާ ފޯރުކޮށްދިން ކަމުގެ ތުހުމަތުކުރެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމުން ފެށި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅައިފަ އެވެެ. އެކަމާ ގުޅިގެން ރައީސް ނެރުއްވި ގަރާރުގައި ވެސް ވަނީ އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގައިފަ އެވެ.