ށ. މަރޮށި ބިން ހިއްކައި ގޯތިދޭނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
އެމްޑީޕީ އަށް ތާއިދު ބޮޑު މަރޮއްޓަށް ރައީސް މިއަދު ވަޑައިގަތީ އެމަނިކުފާނު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު މެންދުރު އެވެ. ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަރޮށީގެ ބޮޑު ތާއީދެއް އެމަނިކުފާނަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އުފާވެރި އަމާން ރާއްޖެ"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ވިދާޅުވީ މަރޮށީގެ ރައްޔިތުންނަކީ ހަމަޖެހުމަށް ލޯބިކުރާ، އަބަދުވެސް ވޯޓުން ގޮތް ނިންމާ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށެވެ. ކުޑަ އާބާދީއެއް އޮންނަ މި ރަށަކީ ސަރުކާރުތަކުން އަޅާނުލާ އޮތް ރަށެއް ކަމަށާއި މި ރަށް އަލުން ރާއްޖޭގެ ޗާޓަށް ގެނައީ މި ސަރުކާރުން ކަމަށެވެ.
މިހާރު ވެސް މި ސަރުކާރުން މަރޮށީގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފާހަގަކުރެއްވި އެވެ. އެ މަސައްކަތް ލަސްވެފައިވީ ނަމަވެސް، ވީއެންމެ އަވަހަކަށް ނިންމުމަށް ހޯދަންޖެހޭ ހައްލުތައް ހޯއްދައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެން ރައީސް ފާހަގަކުރެއްވީ މަރޮށީގައި އަލަށް ހަދާ ބަނދަރެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބަނދަރަކީ އުތުރުގައި އޮތް އެންމެ ފަސޭހަ އަދި އެންމެ ހިތްގައިމު ބަނދަރަށް ވެގެންދާނެ އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވެސް މަރޮއްޓަށް ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން ރަށުގެ ފަޅުން 30 ނުވަތަ 40 ހެކްޓަރުގެ ބިން ހިއްކައި، އެ ތަނުން ރައްޔިތުންނަށް ގޯއްޗާއި ބިން ދޫކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި 50 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.