ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ 90 ޕަސެންޓް ވައުދު ފުއްދައި އެންމެ ގިނަ މެންބަރުން ހިމެނޭ ކޯލިޝަންއާ އެކު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން ށ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑު އަށް ވަޑައިގެން ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު 2018 ގައި ވެ ވަޑައިގަތް ވައުދުތަކުގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ވައުދު ނިމިފައި ނުވަތަ ހިނގަމުންދާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވީ، ދަތި އުނދަގޫތަކުގެ ތެރެއިން މި ސަރުކާރުން ހޯދި ކާމިޔާބީއަކީ އެއީ ކަމަށާއި އަދި ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި މަރޮއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެންނެވީ މިހާތަނަށް އިންތިހާބަކަށް ނުކުތް އެންމެ މެންބަރުން ގިނަ ކޯލިޝަން އެކު ކަމަށާއި ކޯލިޝަންގައި 77،700 އަށްވުރެ ގިނަ ރަޖިސްޓާޑް މެންބަރުން އެބަތިބި ކަމަށެވެ.

މި އަދަދު އިންތިހާބު އަންނައިރު 90،000 އަށް އިތުރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްއާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން މިހާތަނަށް ހަދާފައި ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ. މި ސަރުކާރުގެ ކޯލިޝަން ތެރޭ އޮތް ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ދެކޮޅު ހަދާފައިވާއިރު އެމްއާރްއެމް އިން މިހާތަނަށް ގޮތެއް ނިންމައިފައެއް ނުވެ އެވެ.

ށ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ދެވަނަ ދައުރަކަށް ކެމްޕޭން ފެއްޓެވިއިރު، އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެ ވަޑައިގެން އަދި އެމަނިކުފާނު ފަޅީގައި ތިއްބެވި މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދައިފަ އެވެ. އެ ޕާޓީން ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން އޮތީ އިއުލާންކޮށްފަ އެވެ.

"އުފާވެރި، އަމާން ރާއްޖެ" އަކަށް ޝިއާރުގެ ދަށުން ކެމްޕެއިން ކުރައްވާ ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް އެންމެން ވެސް ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ހަމަޖެހޭ މުޖުތަމައުއެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން ކުރި އެންމެ ބުރަ މަސައްކަތަކީ ހަމަޖެހޭ އަމާން މުޖުތަމައުއަކަށް ހޯދުމަށް ކުރި މަސައްކަތް ކަމަށާއި ރައްޔިތުންނަށް އެ އަމާންކަން މިއަދު ފެންނަ ކަމަށް ވިދާޅުވި އެވެ.

"އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭ، ދިވެހި ކޮންމެ ފަރުދަކީ އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެވޭ މީހަކަށް ވާން އެބަޖެހޭ. އަސާސީ ހިދުމަތްތަކުން މަހުރޫމްވެގެން ތިބެ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މި އަންނަނީ އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

"މަގާއި ބަނދަރާއި ކަރަންޓާއި ދަތުރުފަތުރާއި ފެނާއި ނަރުދަމާ މި ދަނީ ގާއިމްވަމުން، ޓާޝަރީ ހޮސްޕިޓަލުތައް އެބަ ގާއިމްވޭ، ޖޫނިއާ ކޮލެޖްތައް އެ ދަނީ އެޅެމުން."