ށ. މަރޮށިން ޑިންގީއެއްގައި ނުކުމެ އުޅެނިކޮށް މިއަދު ގެއްލުނު ހަތަރު މީހުން ފެނިއްޖެ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކައުންސިލުން ބުނީ، އުމުރުން 18 އަހަރުގެ ދެ ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ކަނޑުވެފައި ތިއްބާ ފެނުނީ އެ ރަށް ކައިރީ އޮންނަ ބޮޑުހަލާއި ހުރަސްފަރާ ދޭތެރޭގެ ކަނޑުންނެވެ. ޑިންގީއެއްގައި މަޖާކޮށްލަން ކަނޑަށް ނުކުތް އެ ހަތަރު މީހުން ފެނުނުއިރު އެ މީހުން ތިބީ ސަލާމަތްވުމަށްޓަކައި އެއްޗެއްގައި އެލިގަނެގެންނެވެ.
އެ މީހުން ފެނުމުގެ މާ ކުރިން އެމީހުން ކަނޑަށް ނުކުތް ޑިންގީ ފެނުނެވެ.
ކައުންސިލުން ބުނީ، ޑިންގީ ފެނުނީ ބަންޑުން ޖަހާލާފައި އޮއްވައި ނޫން ކަމަށެވެ. އެހެންވެ، އެ މީހުން ކަނޑުވީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ކަނޑުވި މީހުން މިހާރު ވަނީ ޑިންގީއަކަށް ނަގައިފަ އެވެ. އެމީހުންގެ ހާލު ވެސް ރަނގަޅެވެ.