ރިޔާޒް (ޖުލައި 22) - ސައުދީ އަރަބިއާގެ އަންހެން ޑްރައިވަރަކު ދުއްވި ކާރު އިރުމަތީ ޕްރޮވިންސްގެ އަލް މުބްރާޒް ޓައުނުގެ ފިހާރައެއްގެ ބިއްލޫރިގަނޑު ފަޅާލާފައި ފިހާރަ ތެރެއަށް ވަދެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މިއީ ޖޫން 24 ވަނަ ދުވަހު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިން ފަހުން އަންހެން ޑްރައިވަރެއްގެ އަތުން އެކްސިޑެންޓްވެގެން ރަޖިސްޓްރީ ކުރި ފުރަތަމަ މައްސަލަ ކަމަށެވެ.
އަންހެން ޑްރައިވަރު ބުނީ އޭނާ ބްރޭކަށް ފިއްތާލުމަށް ފަހު ހަމަ އެ ވަގުތު ސްޕީޑަށް ވެސް ފިއްތާލެވުނީ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އަންހެން މީހާ ބުނީ ކާރު ހުއްޓުވަން އޭނާ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ކަމަށެވެ.
އެކްސިޑެންޓްވި ކާރު ވަނީ ފިހާރަތެރެއަށް 12 މީޓަރު (40 ފޫޓު) އަށް ވަދެފަ އެވެ. އެ ވަގުތު ފިހާރައިގައި ތިބި މަސައްކަތު މީހުން ބިރުން ދުއްވައިގަތް ކަމަށްވެ އެވެ. އެކްސިޑެންޓްވި އިރު ފިހާރައިގައި ކަސްޓަމަރަކަށް ހުރީ ދުވަސްވީ އަންހެނެއް އެކަންޏެވެ. އެ މީހާ ވަނީ ކޮންމެވެސް ވަރަކަށް ޒަޚަމްވެފަ އެވެ. އަތާއި ބޯ ޒަޚަމްވި ފިހާރައިގެ ސޭލްސްމަނަކަށް ފަރުވާ ދޭން ވަނީ ކިންގް ފަހުދު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފިހާރައިގައި ހުރި ސާވެލަންސް ކެމެރާތަކަށް ވަނީ އެކްސިޑެންޓިވި މަންޒަރު ރެކޯޑްވެފަ އެވެ.
އެކްސިޑެންޓްވި ކާރުގެ ޕެސިންޖާ ސީޓުގައި އަންހެން ޑްރައިވަރުގެ ފިރިމީހާ ވެސް އިނެވެ. ނަމަވެސް އެ ދެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.