މައްކާ (ޖުލައި 6) - ސައުދީ އަރަބިއާގެ އަންހެނަކު ދުއްވާ ކާރުގައި ގަސްދުގައި ރޯކޮށްލި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މައްކާއާ ކައިރި ސަރަހައްދެއްގައި މި ހާދިސާ ހިންގާފައި މި ވަނީ ސައުދީގައި އަންހެނުން ކާރު ދުއްވުން ހުއްދަ ކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ކޭޝިއަރެއްގެ ވަޒީފާ އަދާކުރާ 31 އަހަރުގެ ސަލްމާ އަލް ޝާރިފް ބުނީ އޭނާގެ ކާރުގައި ރޯކޮށްލާފައި ވަނީ އަންހެނުން ކާރު ދުއްވުމާ ދެކޮޅު ހަދާ ބައެއް ކަމަށެވެ. ސަލްމާ ބުނީ އޭނާ ކާރު ދުއްވަން ފެށި މަހުން އެ ސަރަހައްދުގެ ބައެއް ފިރިހެނުނެގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭނާ ބުނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކުރިން ހަރަދު ކުރަން ޖެހެނީ ޑްރައިވަރަށް ކަމަށާއި އެހެންވެ އަމިއްލަ އަށް ކާރު ދުއްވަން ފެށީ އެ ޚަރަދު ކުޑަ ކުރަން ކަމަށެވެ.

މައްކާ ފުލުހުން ބުނީ އެ ހާދިސާ މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ. ސަލްމާގެ ކާރު އޮތީ އިންޝުއާކޮށްފައި ކަމެއް ނޭނގެ އެވެ.

ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. ހުއްދަ ދިން ފުރަތަމަ ހަފުތާގައި ވެސް ވަނީ ލައިސަންސަށް އެދި 120،000 އަންހެނުން ހުށަހަޅައިފަ އެވެ.