ރިޔާދު (ޖެނުއަރީ 5) - ސައުދީ އަރަބިއްޔާގައި ރޭލު ދުއްވަން ފުރަތަމަ ފަހަރަށް އަންހެނުން ތަމްރީނު ކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބާރު ސްޕީޑުގައި ދަތުރުކުރާ ހަރާމެއިން އެކްސްޕްރެސް ޓްރެއިން ދުއްވަން، ސައުދީ ރެއިލްވޭ ކޮމްޕެނީ އިން ތަމްރީނު ކުރި ފުރަތަމަ އަންހެން ބެޗުގައި 32 އަންހެނުން ވަނީ ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ.
ރޭލު ކެޕްޓަން އަދި ޓްރެއިނަރު މޮހަންނާދު ޝޭކަރު ވިދާޅުވާ ގޮތުގައި ސްޓޭޝަންތަކުން ދަތުރުކުރާއިރު ލަސްކަމެއް ނެތި އެންމެ ފަހު މަންޒިލަށް ވާސިލް ވުމުގެ ޔަގީންކަމާ އެކު، ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ ފެންވަރަށް ދެ ޖިންސުގެ ރޭލު ކެޕްޓަނުން ތަމްރީނު ކުރުމަށް ސައުދީ ރެއިލްވޭ ކުންފުނިން ޝައުގުވެރިވާ ކަމަށެވެ.
މެދުއިރުމަތީގެ ފުރަތަމަ އަންހެން ރޭލު ޑްރައިވަރުންނަށް ވާން ފުރުސަތު ލިބުމުން އެކަމާ ފަހުރުވެރި ވާކަން ބައިވެރިން ވަނީ ހާމަ ކޮށްފަ އެވެ. އަދި ހައްޖުވެރިންނާއި އެ ގައުމަށް ޒިޔާރަތް ކުރާ ފަރާތްތައް ރޭލުގައި ދަތުރު ކުރުމަކީ ފަރުވާތެރި ކަމާއެކު އެ މީހުން މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަން ވެސް، ރޭލު ދުއްވަން ތަމްރީނު ހޯދި ސައުދީގެ ފުރަތަމަ އަންހެން ބެޗުގެ ބައިވެރިން ބުނެ އެވެ.
ހަރަމެއިން އެކްސްޕްރެސް ރޭލު ދުއްވަން ތަމްރީނު ކުރީ އަސްލާ އެއްގޮތް ސިމިއުލޭޓަރެއްގެ ޒަރިއްޔާއިންނެވެ. އަދި އަސްލު ދަތުރުތަކަށް ތައްޔާރު ކުރުމަށް ސިމިއުލޭޓަރުގައި ބޭނުން ކުރީ އަސްލު ރޭލުތަކުގައި ހުންނަ ފަދަ ޑްރައިވިން ކެބިން އެކެވެ.
ސައުދީގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން ހާމަކުރާ ގޮތުގައި، ހަރަމެއިން އެކްސްޕްރެސް ރޭލު ދުއްވަން އެ ގައުމުގެ އަންހެނުން ތަމްރީނު ކުރުމަކީ ދަތުރުފަތުރާއި ލޮޖިސްޓިކްސް ސާވިސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން 2017 ވަނަ އަހަރު އެ ގައުމުގެ ކަންކަމުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާއިރު، އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.