އިނގިރޭސި ވިލާތުގެ އާންމު އިންތިހާބު ޖުލައި 4 ގައި ބާއްވަން ނިންމާފައިވާ ކަން، އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް އިއުލާނުކުރައްވައިފި އެވެ.
މިއީ އޮކްޓޯބަރު 2022 ގައި އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ސުނަކް ވަޑައިގެންނެވިފަހުން، ރައްޔިތުންގެ ވޯޓަކާ ކުރިމަތިލައްވާ ފުރަތަމަ ފަހަރެވެ.
ސުނަކް މީގެކުރިން ވަނީ އިންތިހާބަކަށް ގޮވައިލަން އޮތް ޕްރެޝަރުތަކަށް ނޫނެކޭ ވިދާޅުވެ، ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ވިދާޅުވެފަ އެވެ.
ސުނަކް އިއްޔެ ވިދާޅުވީ، އިނގިރޭސި ވިލާތުގެ ޕާލިމަންޓު އުވާލަން އެދިވަޑައިގަތުމުން އެއްގޮތަށް އެ ކަން ކޮށްދެއްވަން އިނގިރޭސި ރަސްގެފާނު ޗާލްސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެދުނު ގޮތަށް [ޕާލިމަންޓު އުވާލަން] ރަސްގެފާނު އެއްބަސްވެވަޑައިގެންފައިވާތީ، ޖުލައި 4ގައި އާންމު އިންތިހާބެއް އޮންނާނެ،" ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ޑައުނިން ސްޓްރީޓުގައި ބަޔާނެއް އިއްވަވަމުން ސުނަކް އިއުލާނުކުރެއްވި އެވެ.
"މިއީ އިނގިރޭސިންގެ މުސްތަގުބަލު ކަނޑައަޅަންވީ ދަނޑިވަޅު."
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މި ހިނގާ ދައުރު މާދަމާގެ ނިޔަލަށް ކުރުކޮށްލައި، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ރަސްމީކޮށް އުވާލާނެ އެވެ.
މި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލޭބާ ޕާޓީގެ ލީޑަރު ކީއާ ސްޓާމާ ވަނީ 2010 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިންމައި އިނގިރޭސި ތާރީހުގެ އާ ބާބެއް ފެށުމަށް ގޮވާލައްވައިފަ އެވެ.
މި ވަގުތު އިންތިހާބަކަށް ގޮވައިލުމުގައި ސުނަކްގެ އަމާޒަކީ، އިނގިރޭސި ވިލާތުގެ އިގުތިސޯދީ ހާލަތުގެ ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ތަކެތީގެ އަގު އުފުލުން ހިފެހެއްޓިފައި އޮތް ދަނޑިވަޅެއްގެ ފައިދާ ނެގުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.