މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތް ލީޒް ޓްރަސް ހުކުރު ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް އެންމެ ފަހު ވަގުތާ ޖެހުނު އިރު ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން އިންޑިއާ ދަރިކޮޅުގެ ރިޝީ ސުނަކް ހަމައެކަނި ކެންޑިޑޭޓަށް ވެއްޖެ އެވެ.
ކޮންޒަވެޓިވް ޕާޓީގެ ލީޑަރަކަށް ކަނޑައަޅާނެ ބޭފުޅަކު ހޮވުމުގެ ރޭހުގައި ކުރީގެ މާލީ ވަޒީރު ރިޝީއާ އެކު އެންމެ ފަހު ވަގުތަށް ވާދަކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ކޮމަންސް) ގެ ރައީސް ޕެނީ މޯޑައުންޓް އެވެ. މި ދެ ބޭފުޅުން މިއަދު ޔޫކޭ ގަޑިން މެންދުރު 2:00 އާ ހަމަޔަށް ލީޑަރުކަން ކަށަވަރުކުރުމަށް 100 ނޮމިނޭޝަން ހަމަކުރުމުގެ މަސައްކަތް ކުރެއްވި އެވެ. އެކަމަކު ވަގުތު ޖެހުމުގެ ކުރިން ރިޝީ މާބޮޑު ތާއީދެއް ހޯއްދަވައި 200 ފަހަނަޅައި ދިޔަ އެވެ. އެހެންވެ މޯޑަންޓް ނަން އަނބުރާ ގެންދެވީ ޕާޓީތެރޭގައި ރިޝީއަށް ތާއީދު ބޮޑުކަން ގަބޫލުކުރައްވާކަން އިއުލާނުކުރައްވައި ނެރުއްވި ބަޔާނަކުންނެވެ.
އޭނާ ވިދާޅުވީ އާ ބޮޑުވަޒީރު މިހާރު ކަށަވަރުވީ ކަމަށާއި ތާރީހީ މި ނިންމުމުން އިނގިރޭސި ވިލާތުގައި އެކި ނަސްލުތަކުގެ މީހުންގެ ބައިވެރިވުން އޮތްކަން ވެސް ހާމަކޮށްދޭ ކަމަށެވެ. އަދި މިއީ އެންމެން އަލުން އެކުވެރިވެ އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.
ރިޝީ ވާނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ އަށެވެ. އަދި ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ ފުރަތަމަ ބޮޑުވަޒީރަށް ވެސްމެ އެވެ.
ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގެންނެވި ކަމަށް ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ނަމަވެސް، އޭނާ އަށް ތާއީދުކުރައްވާ ކަމަށް އިއްޔެގެ ނިޔަލަށް އާންމު ކުރައްވާފައިވަނީ އެންމެ 60 މެންބަރުންނެވެ. އެހެންވެ އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް އޭނާ ވެސް ހުއްޓަވާލެއްވީ އެވެ.