އިންޑިއާގެ ބަތަލާ ސައްޔާމީ ކޭރްގެ ބަކެޓްލިސްޓްގައި ހިމެނޭ މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތަކުގައި ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ދެ ދުވަސްކުރިން ރާއްޖެ އައި 27 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަނީ ރީތި ފަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސައްޔާމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނިގޮތުގައި ރާއްޖޭގައި ހޭދަކުރާނީ ހަތަރު ދުވަހެވެ.

ސައްޔާމީ އަކީ 2016 ވަނަ އަހަރު އެކްޓަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް ބޮލީވުޑަށް ތައާރަފުކުރި ފިލްމު "މިރުޒިޔާ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އެކަމަކު އޭނާ އެކްޓިން އަށް ނުކުތީ 2015 ގެ ތެލެގޫ ފިލްމު "ރޭ" އިންނެވެ.

ސައްޔާމީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރިތޭޝް ދޭޝްމުކްގެ މަރާޓީ ފިލްމު "މައުލީ" އެވެ.

ސައްޔާމީ އަކީ "ޗުޕްކޭ ޗުޕްކޭ" އާއި "ދާގް" އަދި "ބަވަރްޗީ" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ އޫޝާ ކިރަންގެ މާމަ ދަރިއެކެވެ. "ބަޖިރާއޯ މަސްތާނީ" އާއި "ޔެ ޖަވާނީ ހެ ދީވާނީ" އަދި "ދުޝްމަން" ފަދަ ފިލްމުތަކުން ފެނިފައިވާ ތަންވީ އަޒްމީ އަކީ ސައްޔާމީގެ ބޮޑު ދައިތަ އެވެ.

ސައްޔާމީ މިހާރު އަންނަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕް ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމު "ޝަރުމާ ޖީ ކީ ބޭޓީ" ގެ އެއް ބަތަލާ އަކީ ވެސް ސައްޔާމީ އެވެ.