އަޖޭ ދޭވްގަންއާ އެކު "ސިންގަމް" ކުޅުނު އިންޑިއާގެ ދެކުނު މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރީތި ފަރު ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ކާޖޮލް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މަދުމަދުން ހިންދީ ފިލްމުތަކުން ފެންނަ 34 އަހަރުގެ ބަތަލާ އަކީ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ރާއްޖޭގެ ޗުއްޓީ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއްގައި ކާޖަލް ވަނީ ރާއްޖެ އަކީ އޭނާ ޗުއްޓީ އަށް އެންމެ އަންނަން ބޭނުންވި އެއް ގައުމު ކަމަށް ވެސް ބުނެފަ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ތެލެގޫ ފިލްމުތައް ކަމަށްވާ "މަގަދީރާ" އާއި "ތުޕައްކީ" އަދި "ޓެމްޕާ" ފަދަ އެތައް ފިލްމެއް ކުޅެފައިވާ ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "މުމްބާއީ ސާގާ" އެވެ. އެ ފިލްމުގެ ބަތަލުންނަކީ ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީ އެވެ.
ކާޖޮލް އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ 2016 ގައި ރަންދީޕް ހޫޑާއާ އެކު ކުޅުނު "ދޯ ލަފްޒޯން ކީ ކަހާނީ" އެވެ. އޭނާ ކުޅުނު އިތުރު ހިންދީ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" ހިމެނެ އެވެ.
ކާޖޮލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަނާ އެކު ކުޅޭ ތަމަޅަ ފިލްމު "އިންޑިއަން 2" ހިމެނެ އެވެ.
ކާޖަލް އަކީ ލަންޑަންގެ މިއުޒިއަމް މެޑަމް ޓްސޯޑްސް އިން ވެކްސް ސްޓެޗޫއެއް ހަދަން ނިންމި ދެކުނުގެ ފުރަތަމަ ބަތަލާ އެވެ. ކާޖަލްގެ ސްޓެޗޫ ބަހައްޓާނީ މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފީގަ އެވެ. ސްޓެޗޫ ދައްކައިލަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހު 5 ވަނަ ދުވަހު އެވެ.