މާލޭގައި ހުރި "އެވްކޯ" ފިހާރަ ހުޅުމާލެއަށް ބަދަލުކޮށް އިއްޔެ ހުޅުވައިފި އެވެ.

ރެއިންބޯ ގްރޫޕުގެ ދަށުން މި ފިހާރަ އަލުން ހުޅުވާފައިވަނީ ރެއިންބޯއިން ފިތުރޯނު މަގުގައި ހަދާފައިވާ އޯޝަން ފްރަންޓް އިމާރާތުގެ ތިރީގަ އެވެ.

ކުރިން މި ފިހާރަ ހިންގަމުން އައީ މާވެޔޮ މަގުގަ އެވެ. އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެތަނުން ލިބެ އެވެ. މީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި ރީތިވާ ސާމާއި ކާބޯތަކެތި ހިމެނެ އެވެ. އަލަށް ހުޅުވި ފިހާރައިން ވެސް މިތަކެތި ލިބެން ހުންނާނެ ކަމަށް ރެއިންބޯއިން ބުންޏެވެ.

އެވްކޯ ފިހާރައިގެ އެތެރެ: މި ފިހާރައިން އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެވްކޯ ފިހާރައިގެ އެތެރެ: މި ފިހާރައިން އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ރެއިންބޯގެ މާކެޓިން އެންޑް ސޭލްސް އެގްޒެކެޓިވް މުހައްމަދު ޝައްފާން ވިދާޅުވީ އޯޝަން ފްރަންޓް ހުންނަ ސަރަހައްދަކީ އަލަށް މީހުން ދިރިއުޅެން ފެށި ސަރަހައްދަކަށްވުމުން އެތަނުގައި ސުޕަމާޓެއް ނެތުމުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މި ފިހާރައާއެކު އެ ދަތިތަކަށް ހައްލު ލިބިގެންދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އޭރިއާގައި ފުދޭވަރަކަށް ފްލެޓުތައް ގިނަ. އެކަމަކު މި ހިސާބުގައި ސުޕަމާޓެއް ނެތުމުން މި ސަރަހައްދުގައި ދިރުއުޅޭ މީހުންނަށް އެކަމުގެ ދަތިތައް އެބަހުރި. އެހެންވެ ހުރިހާ ވައްތަރެއްގެ އެއްތަނަކުން ލިބޭ ގޮތް ހަދައިދޭން އެވްކޯގެ މި ފިހާރަ ހުޅުވީ،" ޝައްފާން ވިދާޅުވި އެވެ.

މީހަކު އެވްކޯ ފިހާރައިން ވިަޔފާރި ކުރަނީ: މިއީ އޯޝަން ފްރަންޓް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުވި ފިހާރައެއް ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
މީހަކު އެވްކޯ ފިހާރައިން ވިަޔފާރި ކުރަނީ: މިއީ އޯޝަން ފްރަންޓް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުވި ފިހާރައެއް ކަމަށް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޝައްފާން ވިދާޅުވި ގޮތުގައި އެވްކޯއިން ތަކެތި ލިބެން ހުންނާނީ އާއްމުކޮށް މާކެޓުގައި އެތަކެތި ލިބެން ހުންނަ އަގުތަކުގަ އެވެ.

މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ރެއިންބޯ ސެންޓްރަލްގައި އެ ކުންފުނީގެ އިތުރު ފިހާރަތަށް ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ވެސް ޝައްފާން ވިދާޅުވި އެވެ.