ރެއިންބޯއިން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.
"ރެއިންބޯ ސެންޓްރަލް"ގެ ނަމުގައި ހުޅުވި އެ ފިހާރަ ހުންނަނީ އޯޝަންސް ރެސިޑެންސްގެ ގްރައުންޑް ފްލޯގަ އެވެ. އެއީ ރެއިންބޯ އެންޓަޕްރައިސް އިން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ފިހާރަ އެވެ.
އެ ފިހާރައިން މައިގަނޑު ގޮތެއްގައި ލިބެން ހުންނަނީ ރެއިންބޯއިން ވިއްކާ ގެއަށް ބޭނުންވާ ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައެންސް ސާމާނެވެ.
ރައިންބޯގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަދި "ރެއިންބޯ ސެންޓްރަލް" އާ ހަވާލުވެ ހުންނެވި ޝައްފާން މުހައްމަދު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެއްތާކުން ހުރިހާ އެއްޗެއް ލިބުމެވެ.
އޭނާ ވިދާޅުވީ ކުރިމަގުގައި ގެއަށް ބޭނުންވާ ފަރުނީޗަރުގެ އިތުރުން ލައިފް ސްޓައިލް ތަކެތި ވެސް ރެއިންބޯ ސެންޓްރަލް އަށް އަންނާނެ ކަމަށެވެ.
"ރެއިންބޯ ސެންޓްރަލް ތެރޭގައި ސުޕަމާކެޓެއް އިންނާނެ. "އެވްކޯ"، އެއީ ވެސް ރެއިންބޯގެ ދަށުން ހިންގަމުން އަންނަ ފިހާރަ އެއް" ޝައްފާން ވިދާޅުވި އެވެ.
ޝައްފާން ވިދާޅުވީ ރެއިންބޯ ސެންޓްރަލްގެ އެންމެ ބޮޑު ފަސޭހައަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެއްވެސް އުނދަގޫކަމެއް ނެތި ރެއިންބޯގެ ޕްރޮޑަކްޓުތައް ބަލާލެވުން ކަމަށެވެ.
"މިހާރު (ހުޅުމާލޭގައި) ވަރަށް ބޮޑެތި އިމާރާތްތައް އެބަ އަޅާ. ރެއިންބޯގެ ޓާގެޓަކީ ހުރިހާ މާކެޓަކަށް ވެސް މިކޮޅުގެ ފަރުނީޗަރާއި މިކޮޅުގެ ބްރޭންޑުތައް ފޯޜުކޮށްދިނުން،" ޝައްފާން ވިދާާޅުވި އެވެ.
ރެއިންބޯ ސެންޓްރަލް ކުރިއަށް ގެންދާނީ އެކި ފިޔަވަހިތަކަކަށް ބާހަލައިގެން ކަމަށާއި ވަރަށް ކައިރި މުސްތަގުބަލެއްގައި އޯޝަންސް ރެސިޑެންސް އިމާރާތުގެ ފުރަތަމަ ފްލޯއިން ސެނިޓަރީ ވެއާ، ބިލްޑް ވެއާ އަދި ލައިފް ސްޓްއިލް ޕްރޮޑަކްޓުތައް ލިބޭނެ ކަމަށް ޝައްފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ކަސްޓަމަރުންނަށް ވެސް ހެޔޮއަގުގައި ގަނެވޭނެ ޕްރޮޑަކްޓްތަކާއެކު، ރެއިންބޯގެ ގިނަ ދުވަސްވީ ފަރުނީޗަރު ބްރޭންޑުތައް ވެސް އެ ފިހާރައިން ލިބޭނެ އެވެ.
"އެންމެ އާދައިގެ ކަސްޓަމަރަކަށް ގަނެވޭނެ ފަދަ ތަކެތިން ފެށިގެން އެންމެ ހައި އެންޑު ތަކެތި ލިބޭނެ. ފިހާރައަށް އައިސް އެމީހެއްގެ ބަޖެޓަށް ފިޓުވާގޮތަށް ކަސްޓަމައިޒްކޮށް އަގު ކަނޑައެޅޭނެ" ޝައްފާން ވިދާޅުވި އެވެ.
އެ ކުންފުންޏަށް 32 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުވާލި ޑިސްކައުންޓުތައް، ރެއިންބޯ ސެންޓްރަލް އިން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޕްރޮމޯޝަނުގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭއިރު، ޑިސްކައުންޓު ކަނޑައަޅާފައިވަނީ އެކި މިންވަރަށެވެ.
މި މަހުގެ ނިޔަލަށް އެ ޑިސްކައުންޓު ރެއިންބޯގެ ހުރިހާ ފިހާރަތަކަކުން ލިބޭނެ އެވެ.