ރޭގަނޑު އިންޓަނެޓް ސްޕީޑް އަވަސްވާ ފީޗާއަކާ އެކު އާރުއޯއެލް ގިގަފައި ޕްލޭންތައް އަޕްގްރޭޑް ކުރަން ތައްޔާރުވެއްޖެ އެވެ.
އާރުއޯއެލް އިން ގެންނަ ބަދަލުތަކާ އެކު އެ ކުންފުނީގެ ކުރީގެ ޕްލޭންތަކާ އަޅާ ބަލާއިރު އާ ޕްލޭނުތަކުގެ އެލަވަންސް 100-300 ޕަސެންޓް އިތުރުވާނެ އެވެ. އަދި އެންމެ ކުޑަ ޕްލޭން ފިޔަވައި އެހެން ހުރިހާ ޕްލޭނެއްގެ ތްރޮޓަލް ސްޕީޑް ވެސް ފަސް އެމްބީޕީއެސް އަށް ބޮޑުވާނެ އެވެ.
އެ ކުންފުނީގެ ގިގަފައި ޕްލޭންތައް އަޕްގްރޭޑް ކުރަނީ ސަރުކާރުން އިންޓަނެޓް އަގުހެޔޮކުރަން ނިންމުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން ނިންމާފައިވާ ތިން ޕްލޭން ވެސް އާރުއޯއެލް ގިގަފައި ޕްލޭންތަކަށް އިތުރުވާނެ އެވެ.
މި ބަދަލުތަކާއެކު ގިގަފައި 5އެމް ލައިޓް ޕްލޭނުން 250ރ. އަށް 30ޖީބީ ލިބޭއިރު ގިގަފައި 15އެމް ލައިޓް ޕްލޭނުން 500ރ. އަށް 100 ޖީބީ އަދި ގިގަފައި 25އެމް ލައިޓުން 700ރ. އަށް 200 ޖީބީ ލިބޭނެ އެވެ.
ޕްލޭންތައް އަޕްގްރޭޑު ކުރުމާއެކު ބޯނަސް ސްޕީޑު ވެސް އާރުއޯއެލް އިން ވަނީ ތައާރަފު ކުރާނެ އެވެ. މި ބޯނަސްގެ ދަށުން ދަންވަރު 12:00 އިން ހެނދުނު 8:00 އަށް އިންޓަނެޓް ސްޕީޑް އާއްމުކޮށް ހުންނަ ވަރަށް ވުރެ އަވަސް ވާނެ އެވެ. ސަރުކާރުގެ ތިން ޕްލޭނުގައި މި ބޯނަސް ސްޕީޑު ނުހިމެނޭނެ އެވެ.
އާރުއޯއެލް އިން ވަނީ އެ ކުންފުނީގެ އެންމެ ކާމިޔާބު ޕްލޭން ގިގަފައި 5އެމް އަންލިމިޓެޑް ވެސް ކަސްޓަމަރުންގެ އެދުމާ އެއްގޮތަށް އަޕްގްރޭޑް ކޮށްފަ އެވެ. އެގޮތުން، ކުރިން 2 އެމްބީޕީއެސް ސްޕީޑުގައި ލިބުނު އިންޓަނެޓް މި ޕްލޭނުގެ ދަށުން 5އެމްޕީއެސް އަށް ބަދަލުވާނެ އެވެ.
މި ޕްލޭންތައް މި މަހުގެ ތެރޭގައި ތައާރަފު ކުރާނެ ކަމަށް އާރުއޯއެލް އިން ބުންޏެވެ.