އަލަށް ސްކޫލަށް ކުދިން ވެއްދުމާއި އެއް ގްރޭޑުން އަނެއް ގްރޭޑަށް ދަރިވަރުން ބަދަލުކުރާ އުމުރުފުރާ އަށް ގެނައި ބަދަލާ އެކު އެ އުމުރުފުރަޔަށް ފެތޭ ގޮތަށް ޕްރީ ސްކޫލްގައި ރިޕީޓްކުރާނީ އުމުރު މާ ހަގުކޮށް ސްކޫލަށް ވައްދާފައި ތިބި ކުދިން ކަމަށާއި އެހެން ކުދިން ރިޕީޓް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2023 ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26ގަ އެވެ.
އެ ބަދަލާ އެކު ސްކޫލަށް ދަރިވަރުން ވެއްދުމުގައި ބަލާ އުމުރުފުރާތަކަށް ވެސް ބަދަލު ގެނައުމުން ޕްރީ ސްކޫލްގައި މިހާރު ކިޔަވަމުން އަންނަ ގިނަ ކުދިންތަކެއް އެ ތިބި ލެވަލްގައި ރިޕީޓްވާ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ.
"އެލްކޭޖީން ޔޫކޭޖީއަށް ބަދަލުވާންޖެހޭ އަހަރު މިއީ. އަނެއްކާ މި ޖެހެނީ ޔޫކޭޖީ ކިޔަވަން. އިތުރު އަހަރެއް އަނެއްކާ ވެސް މި ގެއްލެނީ،" އެކަމާ ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު ބުންޏެވެ.
ނާސަރީގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއަކު ވެސް ވަނީ އަންނަ ދިރާސީ އަހަރު އަނެއްކާ ވެސް ނާސަރީގައި ކިޔަވަން ޖެހޭތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"މިހެން ބަދަލުކުރީމާ އެއްބައި ކުދިންގެ އުމުރު ގެއްލޭ. އަނެއްބައި ކުދިން އުމުރަށްވުރެ ކުރިން އެބަ ވަދެވޭ ސްކޫލަށް. އަހަރެންގެ ދަރިފުޅު އިތުރު އަހަރެއް އެ ބޭކާރު ވަނީ،" އޭނާ ބުންޏެވެ.
ރަށެއްގެ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުނީ އެ ސްކޫލުގައި އަންނަ ދިރާސީ އަހަރަށް އެލްކޭޖީއަށް ބަދަލުވަނީ ދެ ކުދިން ކަމަށެވެ. ދެން އެ ސްކޫލުގައި މިހާރު ނާސަރީގައި ކިޔަވާ ހުރިހާ ކުދިން އަނެއްކާ ވެސް ނާސަރީ ރިޕީޓްކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މި ރަށުގައި އެލްކޭޖީ ކިޔަވަން ކުރިން ތިބީ 12 ކުދިން. އުމުރުފުރާ ބަދަލު ކުރީމާ އެލްކޭޖީ ކިޔަވަން މި ތިބީ ދެ ކުދިން. މާޗް 31 ގެ ފަހުން ހަތަރު އަހަރު ނުވާ ކުދިންނަކަށް އަނެއް ގްރޭޑަކަށް ބަދަލެއް ނުވެވޭ، އެހެންވެ ބާކީ 10 ކުދިން ރިޕީޓް،" އެ ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާރު ޕްރީ ސްކޫލުގައި ކިޔަވާ ދަރިވަރުން ރިޕީޓް ނުވާނެ ކަމަށެވެ.
"ނަމަވެސް މިނިސްޓްރީގެ އާންމު އުސޫލުތަކާ ހިލާފަށް ވަރަށް ހަގުކޮށް ޕްރީ ސްކޫލަށް އެންރޯލް ކޮށްފައިވާ ނަމަ އެފަދަ ދަރިވަރެއް ރިޕީޓް ވުމުގެ ހާލަތެއް އައުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ އެއްވެސް ދަރިވަރަކު އެ ހުރި ގްރޭޑްގައި ރިޕީޓު ނުކުރާނެ ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތެއް ނުވަތަ މަގުބޫލު އުޒުރެއް އޮތް ނަމަ މިހާރު ކިޔަވަމުން އަންނަ ގްރޭޑްގައި ރިޕީޓް ކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
އެ ފަދަ ހާލަތެއްގައި ވެސް ދަރިވަރަކު ރިޕީޓް ކުރެވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި، މިނިސްޓްރީން ލިޔުމުން ހުއްދަ ލިބުމުން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
"އެލްކޭޖީއަށް ބަދަލު ނުވާތީ މި ރަށު ބެލެނިވެރިންތައް އުޅޭ ސިޓީ ލައިގެން. އެކަމަކު މިނިސްޓްރީން ބުނެފައި ވަނީ ހަތަރު އަހަރު ނުވާ ނަމަ ބެލެނިވެރިޔާ އެދުނަސް ބަދަލު ނުވާނެ ކަމަށް،" ކުރިން ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.
2024ގައި ސްކޫލަށް ދަރިވަރުން ވެއްދުމުގައި ބަލާ އުމުރުފުރާތައް:
- ބޭބީ ނާސަރީ: 2023 ޑިސެމްބަރު 31 އަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރުން
- ނާސަރީ: 2023 ޑިސެމްބަރު 31 އަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރުން
- އެލްކޭޖީ: 2023 ޑިސެމްބަރު 31 އަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރުން
- ޔޫކޭޖީ: 2023 ޑިސެމްބަރު 31 އަށް ފަސް އަހަރު ފުރި ހަ އަހަރު ނުފުރުން
(2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު [މެއި 26، 2024] ބަދަލުވާނީ ޔޫކޭޖީއަށް)
- ގްރޭޑް 1: 2023 ޑިސެމްބަރު 31 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރުން
(2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު [މޭ 26، 2024] ބަދަލުވާނީ ގްރޭޑް 1 އަށް)