ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ހުރިހާ ޕްރީ ސްކޫލު ޓީޗަރުން މި އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ ޓީޗަރުން ދާއިމީ ކުރާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު ވަނީ ހުރިހާ ޕްރީ ސްކޫލުތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި އެ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުން ތިބީ، އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ނޫން ގޮތުގައި ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.

މިދިޔަ އަހަރު ނިމުމާއެކު އެ ކޮންޓްރެކްޓު ހަމަވެފައިވާތީ އެ ހުރިހާ ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ މީހުން ދާއިމީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި 800-1000 ދެމެދުގެ ޓީޗަރުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސިވިލް ސާވިސްގެ ގަވައިދުގައި ބުނާގޮތުން އެ ޓީޗަރުންނަށް އަލުން ވަޒީފާ ދެވޭނީ އެކަމަށް އިއުލާނުކޮށްގެންނެވެ. އެހެންވެ، މި ފަހުން ސްކޫލުތަކުން 400 ޓީޗަރުން ހޯދަން އިއުލާނުކޮށްފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރީ ސްކޫލު ޓީޗަރުން ވެސް ހިމެނެ އެވެ.

އަދި ކުރިއަށް އޮތްތަނުގައި އިތުރު ޓީޗަރުން ހޯދަން އިއުލާނު ކުރާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކުރިން ގިނަ ޕްރީ ސްކޫލުތައް ހިންގަމުން އައީ ދަރިވަރުންގެ އަތުން ފީ ނަގައިގެން، އާއްމު މީހުންނާއި އެކި ޖަމިއްޔާތަކުންނެވެ. އެކަމަކު 2016 ވަނަ އަހަރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލު ތައުލީމު ބައެއްގެ ގޮތުގައި ޕްރީ ސްކޫލުތައް ހިމަނައި، ހިލޭ ކިޔަވައިދޭން ފަށާފަ އެވެ.