ޓިކްޓޮކްގައި، ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން އުޅުނު ފިރިހެން މީހާގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާއްމުކުރި 39 އަހަރުގެ ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މުހައްމަދު ނަބީލް ނުވަތަ ޔާޔާގެ ނަމުގައި ގިނަ ބަޔަކަށް އެނގޭ އެ މީހާ ހައްޔަރުކޮށްފައި މި ވަނީ ފަހަކަށް އައިސް އަނެއްކާ ވެސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
މީގެ ކުރިން ވެސް ޓިކްޓޮކްގައި ބަރަހަނާވި މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ބަންދުން ދޫކޮށްލި އެވެ. ޓިކްޓޮކަށް ނުވަންނަން ޝަރުތުކޮށް އޭނާ ބަންދުކޮށް ދޫކޮށްލިއަސް ސޯޝަލް މީޑިއާގެ އެ ޕްލެޓްފޯމްގައި ދިޔައީ އެކި އެއްޗެހި ޕޯސްޓުކުރަމުންނެވެ.
ނަމަވެސް، އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާ ސާބިތުވުމުން ސެޕްޓެމްބަރު، 2022 ގައި އޭނާ އެއް އަހަރާއި އެެއް މަހަށް ޖަލަށްލި އެވެ.
މިފަހަރު ނަބީލް އަނެއްކާވެސް ހައްޔަރުކުރީ މިނިވަންވި ފަހުން އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅެމުންދަނިކޮށެވެ.