ސިޔާސީ ފަރާތްތަކުންނާއި އެ ނޫން ވެސް ގޮތްގޮތުން ކުރިމަތިވާ ވަސްވާސްތަކުގައި ނުޖެހި ވަކި ފަރާތަކަށް ބެލުމެއް ނެތި ފުލުހުން މަސައްކަތް ކުރުމަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ ގޮވާލައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުގައި އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި ފުލުހުންގެ ހަނދާން އާކުުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކާ ޖެއްސުމަށް، ގޯސް ވަހުމްތައް މުޖުތަމައުގެ ތެރޭގައި އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޒުހޫރު ވިދާޅުވީ ސިޔާސީ ބޭނުމަށް، ފުލުހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރަމުން ދާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ވެރިންނަކީ އަބަދު ވެސް ސިޔާސީ ކޯޅުންގަނޑެއްގެ ތެރޭގައި އެ ބަޔަކު ހާސިލް ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރަން ދޮގު ވެސް ހަދާނެ ބައެއް ކަމަށެވެ. އަދި ބައެއް ކަންކަން އޮޅުވާލައިގެން ވެސް އެ ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޔާސީ ބަޔަކަަށް ވެއްޖެ ނަމަ ހާލަތު މި އަށް ވުރެ ވެސް ގޯސް ވާނެ،" އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގައި އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި ފުލުހުންގެ ހަނދާން އާކުުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ހިދުމަތުގައި އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި ފުލުހުންގެ ހަނދާން އާކުުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕޮލިސް

ޒުހޫރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެކި ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށެވެ. އެ ހިޔާލު ތަފާތުވުންތައް ބޮޑު ކޮށްލައިގެން، ހަގީގަތާ ހިލާފު ވާހަކަ ބޭރުގެ ނުފޫޒު ގަދަ ފަރާތްތަކާ ހަމަ އަށް ގެންގޮސްދެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ރާއްޖޭގެ އިގްތިސާދަށް ކަމަށާއި އޭގެ ތެރެއިން ބައެއް ގެއްލުންތަކަކީ އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، އެފަދަ ކަންތައްތަކަށް ފަސް ނުޖެހި، ފުލުހުންގެ ހުވާގެ މަތީގައި ތިބެ ގައުމުގެ ހައްގުގައި މަސައްކަތްކުރުމަށް ޒުހޫރު ގޮވާލެއްވި އެވެ. އަދި ފުލުހުން ވެސް ހިކުމަތްތެރިކަމާ އެކު ވާޖިބު އަދާކުރުމުގައި ދެމި ތިބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ފުލުހުންގެ ހިދުމަތުގައި އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި ފުލުހުންގެ އާއިލާތަކުގެ ބައެއް މީހުން މިރޭގެ ޖަލްސާގައި ބައިވެރިވަނީ.-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ހިދުމަތުގައި އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި ފުލުހުންގެ އާއިލާތަކުގެ ބައެއް މީހުން މިރޭގެ ޖަލްސާގައި ބައިވެރިވަނީ.-- ފޮޓޯ: ޕޮލިސް

"އަޅުގަނޑުމެން ބިރު ގަންނަންވީ އެންމެ ފަރާތެއްކަން ގަބޫލުކޮށް، އަޅުގަނޑުމެންގެ ހިދުމަތް ދިވެހި ފަރުދުންނަށްޓަކައި މި ގައުމު އަމާން ތަނަކަށް ހެއްދެވުން،" ޒުހޫރު ވިދާޅުވި އެވެ.

"ގައުމު އެންމެ ފުރަތަމަ. ދެން އެ އަށް ފަހު ތިމާ ވިސްނާ ގޮތަކަށް ބަލައިގެން ކަންކަން ކުރުން."