ފުލުހުންނާ ދޭތެރޭ އިހާނެތި އަމަލެއް ނުވަތަ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅާ ކޮންމެ މީހަކާ މެދު އެންމެ ހަރުކަށި އަދަބު ދިނުމަށް ފަސް ނުޖެހޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާން އާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ އަރީފް ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހުންނަށް އިހާނެތި ބަސް ބުނުމާއި އެ ނޫން ވެސް އެފަދަ ކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ގާނޫނީ އިމުގެ ތެރޭގައި ތިބޭއިރު ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދޭނެ ކަމަށް އަރީފް ވިދާޅުވި އެވެ. ނަމަވެސް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ކިތަންމެ ކުޑަ ނަމަވެސް އެފަދަ އަމަލެއް ހިންގާ ފަރާތަކާ މެދު އެންމެ ހަރުކަށި އަދަބު ދޭން ފަސް ނުޖެހޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަހެއް އެޅޭ ނަމަ ފުލުހުން އެ ހުރަހެއް ގިރާކުރާނެ ކަމުގައި ދަންނަވަން،" އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ކޮމިޝަނަރު ވިދާޅުވި އެވެ.
އަރީފް ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރާނީ ގާނޫނީ އިމުގެ ތެރޭގަ އެވެ. ނަމަވެސް، ފުލުހުންގެ ތެރޭގައި ވެސް ތަފާތު މިޒާޖުގެ މީހުން ތިބޭނެ ކަމަށާއި ދެރަ ގޮތަކަށް ފުލުހަކަށް ކަމެއް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަން ހިނގާފައި ވެސް އެބަހުރި ކަމަށް ވިދާޅުވެ އަރީފް ވިދާޅުވީ އެފަދަ އަމަލުތައް ހިންގި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.
އެހެންކަމުން، ކޮންމެ ފުލުހަކީ ވެސް ދިވެހި ރައްޔިތުންގެ ތެރޭގައި ހިމެނޭ މީހެއްކަން ފާހަގަކުރައްވައި އަރީފް ވަނީ ފުލުހުންގެ ދައުރާ މެދު އަނެއްކޮޅަށް ވެސް ވިސްނަން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ފުލުހުންނަށް ހަމަލާދީ، ބައެއް ފުލުހުންގެ ފުރާނަ ދާން ޖެހުނީ ފިތުނަ އުފެދޭ ގޮތަށް ބައެއް މީހުން ދެއްކި ވާހަކަތަަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފުލުހުންގެ އާއިލާތަކުގެ ހައްގު ކޮބައިތޯ؟ އެ ޒުވާން ފުލުހުންގެ އުއްމީދު ކޮބައިތޯ؟ ފާޑުކިޔާ މީހުން، ހެޔޮ އެދޭނެ ކަމަށް ބުނާ މީހުން، ވަޒީފާ ދޭނެ ކަމަށް ބުނާ މީހުން ކޮބައިތޯ؟" އަރީފް ސުވާލު ކުރެއްވި އެވެ.
ދުނިޔޭގެ އެއްވެސް ތަނެއްގައި ފުލުހުންގެ ހިދުމަތަކީ ފަސޭހަ ވަޒީފާއެއް ނޫން ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އެކަމަކު، އެއީ ގައުމަށް ކޮންމެހެން ބޭނުން، މުހިއްމު ހިދުމަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމާން މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރަށް، މާރާމާރީ އާއި ވައްކަމާއި އެ ނޫން ވެސް ކުށްތައް ހުއްޓުވުމުގައި ފުލުހުން އަދާކުރާ މުހިއްމު ރޯލް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އަމިއްލަ ނަފުސަށް ވުރެ ގައުމާއި ދީން އިސްކޮށް މަސައްކަތްކުރުމަށް ކޮމިޝަނަރު ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ފުލުހުންގެ ތެރެއިން ދުނިޔެ ދޫކުރި ފަރާތްތައް ދައްކައިދީފައިވަނީ އެ ނަމޫނާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ނުވަތަ މުދާ ސަލާމަތް ކުރުމަށް ގަދައަޅާ ކުރި މަސައްކަތުގައި ޝަހީދުވި އިހުލާސްތެރި، ހިތްވަރުގަދަ ބަތަލެއް. ފަހުރުވެރިވުން ހައްގު ޝަހުސިއްޔަތެއް،" އަރީފް ވިދާޅުވި އެވެ.