މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި 10 އަހަރަށް ޖަލަށް ލާން 2022 ގައި ހުކުމް ކޮށްފައިވާ މީހަކު ހިމެނޭކަން އެނގިއްޖެ އެވެ.
ރ. މަޑުއްވަރީ، ދާރުލް އައްވަލް، އިސްމާއިލް އާސިފްގެ މައްޗަށް ސެޕްޓެމްބަރު 2022 ގައި 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވުމުންނެވެ.
އާސިފްގެ މައްޗަށް ދައުލަތުން ދައުވާކުރީ ހައްމާދަށް ދޯންޏެއްގެ ތެރޭގައި ހަމަލާ ދިނުމަށް ފަހު، މޫދަށް އެއްލައިލި މައްސަލައިގަ އެވެ.
އާސިފް 10 އަހަރަށް ޖަލަށްލާން 2022 ގައި ހުކުމް ކޮށްފައި ވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އެ ހުކުމްގެ މުއްދަތު ހަމަނުވަނީސް މިނިވަންކޮށްފައި ވަނިކޮށް، މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ބޮޑު ވައްކަމެއް ކުރި މައްސަލައެއް ފެންމަތިވެގެން ހައްޔަރުކުރީ އެވެ.
ހައްމާދަށް ހަމަލަދިން މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މާރާމާރީ ހިންގި ދޯނީގެ ބަޔަކުން އާސިފްގެ ޑީއެންއޭ ފެނިފައިވާއިރު، އެ ދޯނިން ހައްމާދުގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށެވެ. އެއީ ހައްމާދު އަމިއްލަ އަށް ހަށިގަނޑަށް ދިން އަނިޔާތަކެއް ކަމަށް އާސިފްގެ ފަރާތުން ބުނެފައި ވިޔަސް، އެ އަނިޔާތައް ލިބިފައި ވަނީ އާސިފްގެ ފަރާތުން ކަމަށް ބެލެވޭ ހެކިތައް ލިބިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ދޯނީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އުފެދިގެން ހަމަލާދިނުމަށް ފަހު، ހައްމާދު މޫދަށް އެއްލައިލި ކަމަށް ހައްމާދު ބައެއް ފުލުހުންގެ ގާތު ބުނެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. ހައްމާދުގެ ބަހަށް ބާރު ލިބޭ ހަރުދަނާ ގަރީނާތަކެއް ދައުލަތުން ހުށަހެޅި ކަމަށް އޭރުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމުގައިވެ އެވެ.
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިދިޔަ މަހު ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެން ހިމެނެނީ އާސިފްގެ އިތުރުން:
- މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
- މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ. މީދޫ
- އަހުމަދު ފާރިސް، 39، މ. އޭސިޔާ
ފުލުހުން ރޭގައި ބުނީ ތުހުމަތުކުރެވޭ އެކަކު އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އައި ނަމަވެސް މި މައްސަލައިގެ ތަހުގީގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.