ޑްރަގް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަމްބަރު ދރ 071 / މާލެ، ފަތުހު އާދަމް ހަސަންފުޅު، 44، އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ، ރޭ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެ އޮޕަރޭޝަނުގައި، ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމްގެ ޑްރަގް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފަތުހު އާދަމް ހަސަންފުޅު ހައްޔަރުކުރީ ޑްރަގް ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.