ހަވާއީ (ޑިސެމްބަރު 28) - އެމެރިކާގެ އަސްކަރީ މަރުކަޒު ޕާލް ހާބަރަށް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވަޑައިގެން، މީގެ 75 އަހަރު ކުރިން ޖަޕާނުން ދިން ހަމަލާގައި މަރުވި މީހުންނަށް އިހުލާސްތެރި އިހްތިރާމް އަދާކޮށްފި އެވެ.

"މި ހަނގުރާމަ ދެން ތަކުރާރުކޮށްގެން ނުވާނެ. މިއީ ޖަޕާނުގެ ރައްޔިތުންގެ ފަރާތުންވާ ވައުދެއް،" އަބޭ ވިދާޅުވި އެވެ.

ހަނގުރާމަ އަށް ފަހު ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް އެމެރިކާ އިން ކޮށްފައިވާ މަސައްކަތަށް އަބޭ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އެކަމަކު އެމެރިކާގެ ކިބައިން އަބޭ މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ.

އަބޭއާ އެކު ރައީސް ބަރަކް އޮބާމާ ވެސް ޕާލް ހާބަރަށް ވަޑައިގެންނެވި އެވެ. މިއީ ދެ ގައުމުގެ ވެރިން ޕާލް ހާބަރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ދެ ލީޑަރުން ވެސް ވަނީ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާބޮނޑިއެއް ބާއްވައިފަ އެވެ.

ރައީސް އޮބާމާ ވެސް ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަން ދެމެހެއްޓުމަށް އަބޭ ގެންގުޅުއްވި ރޫހަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޕާލް ހާބަރަށް ޖަޕާނުން ބޮން އެޅުމުން އެމެރިކާ ސިފައިންގެ 2،300 މީހުން މަރުވި.
ޕާލް ހާބަރަށް ޖަޕާނުން ބޮން އެޅުމުން އެމެރިކާ ސިފައިންގެ 2،300 މީހުން މަރުވި.

ޕާލް ހާބަރަށް ޑިސެމްބަރު 7، 1941 ގައި ޖަޕާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ 2،300 މީހުން މަރުވި އެވެ. ޖަޕާނުގެ ހަމަލާގައި ބަނދަރުގައި އޮތް އެމެރިކާގެ އަށް މަނަވަރު ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި ތިން މަނަވަރު ވަނީ ފައްތާލައިފަ އެވެ. މި ހަމަލާ އަށް ފަހު ދެ ވަނަ ބޮޑު ހަނގުރާމަ އަށް އެމެރިކާ ވަންނަން ވަނީ މަޖްބޫރުވެފަ އެވެ.

ހަނގުރާމަ ނިމުނީ ޕާލް ހާބަރު ހަމަލާގެ ބަދަލުގައި އެމެރިކާ އިން އޮގަސްޓް 6، 1945 ގައި، ޖަޕާނަށް އެޓޮމިކް ބޮން އެޅުމުންނެވެ. ހިރޯޝީމާ އަށް އެމެރިކާ އިން އެޅި ބޮމުގައި 150،000 މީހުން މަރުވި ކަމަށް ބެލެވެ އެވެ. އޭގެ ތިން ދުވަސް ފަހުން ނަގަސާކީ އަށް ދިން ހަމަލާގައި ވަނީ 74،000 މީހުން މަރުވެފަ އެވެ. އޮބާމާ ވަނީ މި އަހަރު ކުރީކޮޅު ހިރޯޝީމާ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ހީރޯޝީމާގެ ހަމަލާ އަށް އޮބާމާ ވެސް މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ. މިއީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ޖަޕާނުގެ ސިޓީ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.