ޖަރުމަނުގައި ވެރިކަންކުރި އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަމުގެ ވާހަކަ މުޅި ދުނިޔެ ވެސް ދަނެ އެވެ. އޭނާގެ ނަމާއި ނިޝާންތަކާއި އިޝާރާތްތައް ވެސް އިންސާނިއްޔަތާ ދެކޮޅު މުޑުދާރު އެއްޗެހީގެ ގޮތުގައި ސިފަކުރެވެނީ ހިޓްލަރުގެ އަނިޔާވެރިކަމުގެ ރަމްޒުތަކަށް ވާތީ އެވެ. ހިތު ހުރިހާ ގޮތަކަށް ކަންތައް ކުރަން ހިޓްލަރަށް ބާރު ލިބުނެވެ. އަނިޔާވެރިކަން އިސްކުރަން އޭނާ ބާރުވެރިކަން ހޯދީ "ގާނޫނީ އިމުގެ" ތެރޭގަ އެވެ. ހިޓްލަރު ބާރު ހޯދި ގޮތް ޚުލާސާކޮށްލަން ހިނގާށެވެ.
ޖެނުއަރީ 1933 ގައި ޖަރުމަނުގެ ޗާންސެލަރުގެ މަގާމު ހިޓްލަރަށް ލިބުނެވެ. އޭގެ އެއް އަހަރު ފަހުން އޭނާ ވަނީ ގައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އަމިއްލަ އަށް އިއުލާނުކޮށްފަ އެވެ.
ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ރެއިޝްޓާގްގައި، ހިޓްލަރަށް ޗާންސެލަރުކަން ލިބުނު އަހަރު ހޮލެންޑުގެ ކޮމިއުނިސްޓަކު ހުޅުޖެހި އެވެ. މި ބޮޑު ހުޅު ވެގެން ދިޔައީ ހިޓްލަރަށް އޭނާގެ ގޮށްމުށުގެ ބާރު ގަދަކުރަން ލިބުނު ފަހި ފުރުސަތަކަށެވެ. ހުޅުޖެހީ ހިޓްލަރާ ދެކޮޅަށް އިންތިހާބުގައި އެންމެ ވަރުގަދަޔަށް ކެމްޕޭނުކުރި ކޮމިއުނިސްޓުން ކަމަށް ތުހުމަތުކުރަން ފަސޭހަވި އެވެ. ހުޅުޖެހި މައްސަލާގައި ހައްޔަރުކުރީ ހިޓްލަރާ ދެކޮޅު ކޮމިއުނިސްޓުންނެވެ. އެކަމަކު އެ މީހުން ކޯޓަށް ހާޒިރުކޮށްގެން ކުށް ސާބިތު ނުވެ ސަލާމަތް ވުމުން ގޯސްވީ ކޯޓުތަކެވެ. ކުށް ސާބިތުވީ ހުޅުޖެހި ވަގުތު އެތަނުން ހައްޔަރުކުރި ހޮލެންޑުގެ މީހާގެ މައްޗަށެވެ. ހިޓްލަރު ނިންމީ ބޭނުންވާ ގޮތަށް ހުކުމްތައް ނެރެވޭނެ ކޯޓުތަކެކެވެ. އޭނާ ބޭނުންވާ ފަދަ ކޯޓުތަކެއް ހެދި އެވެ. އެ ވާހަކަ ފަހުން އަންނާނެ އެވެ.
އިންސާފު ގާއިމުކުރުމުގެ ނަމުގައި ކަމަށް ބުނެ ހިޓްލަރު ހިންގި މި ކަންކަމާ ގުޅިގެން އާންމުންގެ ތާއީދު އިތުރުވެ އާންމު އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވުނެވެ. އެކަމަކު މަޖިލީހުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންވެ ހިޓްލަރަށް ބޭނުންވާ ގާނޫނީ ބާރު ހޯދަން ފާސްކުރަން އުޅުނު ގާނޫނަށް ހުރަސްތައް ކުރިމަތިވި އެވެ. ހައްލު ހޯދީ މަޖިލީހުގައި ތިއްބެވި ކޮމިއުނިސްޓު އިދިކޮޅު މެންބަރުން ހައްޔަރުކޮށްގެންނެވެ. ހިޓްލަރު ހިތަށްއެރި ކަމެއްގެ މައްޗަށް ތުހުމަތުކޮށް އިދިކޮޅު މެންބަރުން ހައްޔަރުކުރުމުން މަޖިލީހުގެ ބާރު ލިބުނެވެ. ދެން ފެށުނީ "ގާނޫނީ ވެރިކަން" ކުރުމެވެ. ގާނޫނީ ކޮންމެ ހުރަހެއް މަޖިލިސް ތެރެއިން ނައްތާލީ އެވެ. ގައުމުގެ ހުރިހާ ބާރެއް ހިޓްލަރަށް ލިބުނެވެ.
މި ހުރިހާ ބާރެއް ލިބުމުން ވެސް ހިޓްލަރަށް ވެރިކަންކުރެވޭ ކަމަކަށް ނުވި އެވެ. ހިޓްލަރުގެ ވެރިކަމާ ދެކޮޅު ހުރިހާ ޓްރޭޑް ޔުނިއަންތަކެއް ވެސް ނައްތާލީ އެވެ. އަދި ޖަރުމަނުގެ މަސައްކަތްތެރިން ތަމްސީލްކުރާ "ޖާމަން ލޭބާ ފްރަންޓް" އުފައްދައި އެ ޖަމާއަތަކީ ވެސް ހިޓްލަރުގެ އަމުރުގެ ދަށުން ހިންގާ ތަނަކަށް ހެދި އެވެ. ހިޓްލަރުގެ ނާޒީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއް މަނާކުރި އެވެ. ޑިމޮކްރަސީ މަރާލި އެވެ. އޭގެ ފަހުން އިންތިހާބެއްގައި ހިޓްލަރު ބަލިވާނެ ގޮތެއް ނެތެވެ. އަމިއްލަ ޕާޓީން އެކަނި މަގާމުތަކަށް ވާދަކޮށް "ޑިމޮކްރަސީ"ގެ ތެރެއިން ވެރިކަން ކުރީ އެވެ.
އަމިއްލަ އަށް އިސްކުރި އަނިޔާވެރިކަމުގައި ނިކަމެތިކަމާ އެކު މަރުވެގެން ދާންދެން ވެސް އުޅުނީ ވެރިކަމާ ދެކޮޅަށް ބަހެއް ބުނި ކޮންމެ މީހެއްގެ ދުވަސް ދުއްވާލުމުގަ އެވެ. އިތުބާރު ކުރެވޭ މީހަކު ހުރި ކަމަކަށް ނުވެ އެވެ. ކޮންމެ މީހަކީ ވެސް ވެރިކަމަށް ފައި ނަގަން އުޅޭ މީހެއް ކަމުގެ ޝައްކާ އެކު އިންޒާރު ދިނުމާއި ބިރު ދެއްކުން އަދި އަނިޔާވެރިކަން ނޫނީ ހިޓްލަރުގެ ފަރާތަކުން ނުފެނުނެވެ.
ގާނޫނު ހަދާ މަޖިލީހުގައި ހުޅުޖެހި މައްސަލާގައި ހައްޔަރުކުރި ކޮމިއުނިސްޓުންނަށް މަރުގެ އަދަބު ނުދިނުމުން ކޯޓުތަކާ މެދު ހިޓްލަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ހިޓްލަރު ބޭނުންވާ ގޮތަށް ހުކުމްތައް ނެރެން އުފެއްދީ "ރައްޔިތުންގެ ކޯޓު" އެވެ. އެ ކޯޓުތަކަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރަން ޖެހެނީ ހިޓްލަރުގެ ނާޒީ ޕާޓީގެ ސިޔާސަތާއި ފިކުރަށް ތަބާވެ ހުކުމްތައް ނެރުމަށެވެ. އެ ކޯޓުތަކުން ރިއާޔަތްކުރަން ޖެހޭ ގާނޫނެއް ގަވައިދެއް ނޯވެ އެވެ. އަދަބު ލިބެން ޖެހޭ ކަމަށް ހިޓްލަރަށް ފެންނަ ކޮންމެ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އަދަބެއް ކަނޑައަޅާނެ އެވެ. އެއީ ކޮންމެހެން ގާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރި މީހަކަށް ވާކަށް ނުޖެހެ އެވެ. އެހެންވެ ކޮންމެ މީހަކީ ވެސް ނޭނގި ހުއްޓާ ކުށެއް ކުރެވި މަރުގެ ހުކުމަކާ ވެސް ކުރިމަތި ވެދާނެ މީހަކަށްވެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ދިޔަ އެވެ.
ސިފައިންގެ ވެރިން ވެސް ވަކިކޮށް ހިޓްލަރު ބޭނުން ބަޔަކު މަގާމުތަކަށް ގެނެސް ހިޓްލަރުގެ ވެރިކަމަށް ނުރައްކާ ކޮށްފާނެ ކަމުގެ ބިރު އޮތް އަސްކަރިއްޔާ ވެސް އޭނާގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. މިހާ ހިސާބުން ހާސްވާނެ އެއްވެސް ކަމެއް ނެތެވެ. މި ހުރިހާ ކަމެއް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމައި ހިޓްލަރު ހިންދެމިލި އެވެ. އެކަމަކު އެހާވަރުން ވެސް ހިތްހަމައެއް ނުޖެހުނެވެ. އަމިއްލަ އަށް އިސްކުރި އަނިޔާވެރިކަމުގައި ނިކަމެތިކަމާ އެކު މަރުވެގެން ދާންދެން ވެސް އުޅުނީ ވެރިކަމާ ދެކޮޅަށް ބަހެއް ބުނި ކޮންމެ މީހެއްގެ ދުވަސް ދުއްވާލުމުގަ އެވެ. އިތުބާރު ކުރެވޭ މީހަކު ހުރި ކަމަކަށް ނުވެ އެވެ. ކޮންމެ މީހަކީ ވެސް ވެރިކަމަށް ފައި ނަގަން އުޅޭ މީހެއް ކަމުގެ ޝައްކާ އެކު އިންޒާރު ދިނުމާއި ބިރު ދެއްކުން އަދި އަނިޔާވެރިކަން ނޫނީ ހިޓްލަރުގެ ފަރާތަކުން ނުފެނުނެވެ.
ގައުމުގެ ހުރިހާ މުއައްސަސާތަކެއް ހިޓްލަރު ކޮންޓްރޯލްކުރާ ކަމާއި އެކަން ކުރާ ގޮތް އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އެ ވާހަކަ ދައްކަން ކެރޭ މީހުން މަދީ ހިޓްލަރުގެ އަނިޔާވެރިކަމާ ހެދި އެވެ. އެކަމަކު އާޚިރުގައި ނިކަމެތިވި ވަގުތު އެންމެ އަރިސް މީހުން ވެސް އޭނާ އަށް ދިނީ ލަނޑެވެ. ދުނިޔެ ދުށް އެންމެ ނުބައި ނުލަފާ މީހުންގެ ލިސްޓުގައި ހިމެނުނީ އެވެ. އެކަމަކު އޭނާ ވެސް ރައްޔިތުންގެ ތާއީދާ އެކު ގާނޫނީ ވެރިކަމެއް ކުރި ކަމަށް ބުނާނެ އެވެ.
އާރާއި ބާރަކީ ވަގުތީ ކަންކަމެވެ. އެ ވަގުތު އެހެން މީހުންގެ މައްޗަށް ރަހުމާއި ހަމްދަރުދީ އިސް ނުކޮށްފި ކޮންމެ މީހެއްގެ ނިމުން ވަރަށް ހިތިވާނެކަން ތާރީޚު ހެކިދެ އެވެ.