ކަލަންޑަރުގައި އޮތީ ރަސްމީ ބަންދުގެ ގޮތުގައި 20 ދުވަހެވެ. އެއީ ދީނީ އެކި މުނާސަބުތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޭ ޑޭ ވެސް ހިމަނައިގެންނެވެ. އެކަމަކު ބަންދު ދުވަސްތައް ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށް މިހާރު ތިބެން މި ޖެހެނީ ވިސްނައިގެންނެވެ. ކޮންމެވެސް ދޭތެރެއަކުން ދުވަހެއް ނުވަތަ ދެތިން ދުވަހެއް ބަންދުކޮށްލަފާނެތީ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ބަންދު ދުވަސްތައް އެންމެ ގިނަ އެއް ގައުމު ކަމަށް 2013 ވަނަ އަހަރު ހަދާފައިވާ "ވޯލްޑްވައިޑް ބެނެފިޓް އެންޑް އެމްޕްލޯއިމަންޓް ގައިޑްލައިން" ސާވޭއަށް ބެލުމުން އެނގެ އެވެ. އެ ސާވޭގައި ހިމަނާފައި ވަނީ އިގްތިސާދީ ގޮތުން އެންމެ ބޮޑު 64 ގައުމެވެ. ރާއްޖެ ހިމެނިގެން ދިރާސާ ހަދާފައިވާ ނަމަ ރާއްޖެ އުޅޭނީ ލިސްޓުގެ ވަރަށް ކުރީގަ އެވެ. މިހެން ބުންޏަސް އާންމު ރެކޯޑްތަކުން ފެންނަން ނެތް ގައުމުތަކުގައި ބަންދު ދުވަސްތައް ހުރި ގޮތެއް ނޭނގޭތީ ކަނޑައެޅިގެން ވަނައެއް ދިނުން އިންސާފަކަށް ނުވާނެ އެވެ.

ތައިލެންޑާއި ދެކުނު ކޮރެއާގައި އޮންނަނީ ބަންދު 16 ދުވަހެވެ. ޖަޕާނުގައި 15، އިންޑޮނީޝިއާ، މެލޭޝިއާ އަދި ފިލިޕިންސްގައި 14 ދުވަހެވެ. ޕާކިސްތާނުގައި 13 ދުވަސް ބަންދުވާއިރު ހޮންކޮންގާއި ޓައިވާންގައި 12 ދުވަސް ބަންދުވެ އެވެ. ވިއެޓްނާމްގައި އޮންނަނީ ބަންދު 10 ދުވަހެވެ. ޗައިނާ އާއި ސިންގަޕޫރަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބަންދު ދުވަސްތައް އެންމެ މަދު ދެ ގައުމެވެ. އެއީ 11 ދުވަހެވެ.

ޔޫރަޕަށް ބަލާއިރު ބަންދު ދުވަސްތައް އެންމެ ގިނައީ ފިންލެންޑުގަ އެވެ. އެއީ 15 ދުވަހެވެ. ޔޫރަޕްގެ އެހެން ގައުމުތަކުގައި ބަންދު ދުވަސްތައް އުޅެނީ 9-15 އާ ދެމެދުގަ އެވެ.

އެމެރިކާ ސަރަހައްދުގައި ކޮލަމްބިއާ އަކީ ބަންދު ދުވަސްތައް އެންމެ ގިނަ ގައުމެވެ. އެއީ 18 ދުވަހެވެ. ބަންދު ދުވަސްތައް މުޅި ދުނިޔެއިން ވެސް އެންމެ މަދީ މެކްސިކޯގަ އެވެ. އެއީ ހަތް ދުވަހެވެ.

ބަންދު ދުވަސްތައް އެންމެ ގިނައީ އެކި ދީންތަކާއި މަޒުހަބުތައް ގިނަ ގައުމުތަކުގަ އެވެ. ސަރުކާރުން އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ ބޭނުމުގައި ކޮންމެ ދީނެއްގެ ހާއްސަ ދުވަސްތައް ބަންދުކުރަނީ އެވެ. މިގޮތަށް ބަންދުކުރާ ދުވަސްތައް ލުބްނާންގައި ވަރަށް ގިނަ އެވެ. މި އަހަރު އެ ގައުމުގައި 19 ދުވަސް ބަންދުވާނެ އެވެ. އެވަރުން ވެސް ރާއްޖެ އަށް ވުރެ ބަންދު ދުވަސްތައް މަދެވެ. ރާއްޖޭ ކަލަންޑަރުގައި 20 ދުވަސް ބަންދު ކަމަށް އޮތަސް މިއަށް އަދި ފަސް ވަރަކަށް ދުވަސް އިތުވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ބަންދު އެންމެ ގިނަ ގައުމު ކަމަށްވާ ކޮލަމްބިއާގެ ރެކޯޑް ވެސް ރާއްޖެއަށް މުގުރާލެވެ އެވެ.

އަވަށްޓެރި ސްރީ ލަންކާ އަކީ ވެސް ބަންދު ގިނަ ގައުމެކެވެ. އެކަމަކު އެއީ އެވްރެޖް ގޮތެއްގައި ބަލާއިރު ރާއްޖެއާ އެއްވަރު އަދަދަކަށެވެ. މި ސަރަހައްދުގައި ރާއްޖެ އާއި ލަންކާ އަކީ ބަންދު ދުވަސްތައް އެންމެ ގިނަ ދެ ގައުމެވެ.

ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ބަންދު ދުވަސްތައް އެންމެ ގިނަ އެއް ގައުމު ކަމަށް 2013 ވަނަ އަހަރު ހަދާފައިވާ "ވޯލްޑްވައިޑް ބެނެފިޓް އެންޑް އެމްޕްލޯއިމަންޓް ގައިޑްލައިން" ސާވޭއަށް ބެލުމުން އެނގޭ. އެ ސާވޭގައި ހިމަނާފައި ވަނީ އިގްތިސާދީ ގޮތުން އެންމެ ބޮޑު 64 ގައުމެވެ. ރާއްޖެ ހިމެނިގެން ދިރާސާ ހަދާފައިވާ ނަމަ ރާއްޖެ އުޅޭނީ ލިސްޓުގެ ވަރަށް ކުރީގައި

މިދިޔަ އަހަރު ބޮޑު އީދު ބަންދުގައި ދިމާވި ގޮތް ހަނދާން އެބަހުރި ހެއްޔެވެ؟ އީދު ބަންދަށް ތިން ދުވަސް އިތުރުކޮށް ނުވަ ދުވަސް ހަމަޖެއްސުމުން ޗުއްޓީ ޕްލޭންކޮށް ޓިކެޓް ނަގައި ހުރިހާ ކަމެއް ނިމުނު ފަހުން އެ ނިންމުން ބަދަލުކުރި އެވެ. އެންމެން ރުޅި ގަދަވެ ފާޑުކިޔުން އިންތިހާ އަށް ދިއުމުން އަނެއްކާވެސް ކުރިން އޮތް ގޮތަށް ބަދަލުކުރި އެވެ. ސަރުކާރު ބަންދުކުރުމުގައި ޕްލޭނެއް ނެތޭ ބުނަން މިއަށް ވުރެ ފާޅުކަން ބޮޑު މިސާލެއް އެބަ އޮތްހެއްޔެވެ؟

ޗުއްޓީ އަކީ މުހިންމު އެއްޗެކެވެ. މިނިވަން ދުވަހާއި އެ ދުވަހުގެ މުނާސަބަތުގައި ކުރިން ސުރެ އޮންނަ ބަންދު ދުވަހުގެ އިތުރުން މިފަހަރު ވަނީ އެއް ދުވަސް އިތުރުކޮށްފަ އެވެ. އެއީ އަންގާރަ ދުވަހާއި ބުދަ ދުވަހަށް ފަހު ބުރާސްފަތި ދުވަސް ހުޅުވުމުން އަނެއްކާ ހުކުރު ދުވަސް ބަންދުކުރަން ޖެހޭތީ އެވެ. ބުރާސްފަތި ބަންދުކޮށްލުމުން ފަސް ދުވަސް ބަންދުވީ އެވެ. އެކަމަކު އިއްޔެ ވަނީ އަނެއްކާވެސް އެއް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ. މި ބަންދުގެ ވާހަކަ ދައްކާއިރު ތިން ހަފުތާއެއްހާ ދުވަސް ކުރިން ބައްދަލުވި ފިތުރު އީދުގެ ބަންދުގައި ޖެހި ކުލަތައް ވެސް އަދި މި އުޅެނީ ނުފިލަ އެވެ.

ސަރުކާރު ބަންދުކުރުން މިހާރު މާބޮޑަށް އާންމު ވެއްޖެ ކަމަކަށް ގަބޫލެއް ނުކުރެވޭ ހެއްޔެވެ؟ ޗުއްޓީ ދީގެން މަސައްކަތްތެރިންނާއި ދަރިވަރުން އަދި ޖުމުލަކޮށް އާއިލާތަކަށް އުފާވެރިކަން ލިބުނެއް ކަމަކު މިކަމުގައި ވެސް ހައްދެއް އޮންނަން ޖެހެ އެވެ. ބަންދު ދުވަސްތައް މާ ގިނަ ވުމަކީ އިގްތިސާދީ ގޮތުންނާއި އެހެން ދާއިރާތަކުން ވެސް ރަނގަޅު ކަމަކަށް ނުވެ އެވެ.

ސެންޓަ ފޯ އިކޮނޮމިކްސް އެންޑް ބިޒްނަސް ރީސާޗް އިން އަންދާޒާކޮށްފައިވާ ގޮތުގައި ބަންދު ކޮންމެ ދުވަހެއްގެ ސަބަބުން އިނގިރޭސި ވިލާތުގެ އިގްތިސާދަށް 2.3 ބިލިއަން ޕައުންޑުގެ ގެއްލުން ވާނެ އެވެ. އަދި އެ ގައުމުގައި މިހާރު ބަންދުކުރާ ދުވަސްތައް މަދުކޮށްގެން އުފެއްދުންތެރިކަމުން، އަހަރެއްގެ މައްޗަށް 19 ބިލިއަން ޕައުންޑު އިތުރުކުރެވިދާނެ ކަމަށް ވެސް އެ ސެންޓަރުގެ ދިރާސާއެއްގައި ލަފާކޮށްފައިވެ އެވެ.

ގަބޫލުކުރަމެވެ. ވިސްނަންވީ ހަމައެކަނި ވިޔަފާރި އާއި މާލީ މަންފާއަކަށް ނޫނެވެ. މަސައްކަތްތެރިންގެ ހައްގުތަކަށް ވެސް ވިސްނަން ޖެހެ އެވެ. ޗުއްޓީ ދިނުމަކީ އާއިލީ އަދި އިޖުތިމާއީ ގުޅުންތަކަށް ރަނގަޅު ކަމެކެވެ. އަދި އަމުދުން ރާއްޖެ ފަދަ، ވަކި ރަށްތަކުގައި އާއިލާއާ ދުރުގައި ވަޒީފާ އަދާކުރާ މީހުން ގިނަ ގައުމެއްގައި މުހިންމު ކަމެކެވެ. ނަމަވެސް ބަންދުކުރުން ވެސް ވާނުވާ އެނގޭ ނިޒާމެއްގެ ތެރެއަށް ފައްތަން ޖެހެ އެވެ. ބަންދުތަކާއި ހަފުތާ ބަންދާ ދިމާވާނެ ގޮތް މާކުރިން އެނގޭއިރު ބަންދުތައް ޕްލޭންކޮށް ކުރިން އިއުލާނުކުރާ ނަމަ ވަޒީފާތަކުގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނަށް ވެސް ފަސޭހަ ވާނެ އެވެ.

މި ރޭވުންތެރިކަން ނެތި ބަންދު ދުވަސްތައް ކުއްލިކުއްލިއަކަށް ބަދަލުވުން އާންމު ކަމަކަށް ވުމުން، ބަންދު ދުވަސްތައް ކިތަންމެ ގިނަވިޔަސް ޗުއްޓީގެ ބޭނުން ވެސް ނުހިފި ވިޔަފާރިތަކަށް ވެސް ވަނީ ގެއްލުމެވެ. ދަރިވަރުންގެ ފިލާވަޅުތައް ތާވަލާ އެއްގޮތަށް ފުރިހަމަ ނުކުރެވި ފިލާވަޅުތައް ފުނިޖެހި ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ވަނީ އުނދަގުލެވެ.