ނ. ލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެ ރަށު ކައުންސިލުން އަލަށް ގެނައި ޕިކަޕެއްގައި ރޯވެ އަނދައިފި އެވެ.
އެ ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ޕިކަޕްގައި ރޯވީ ކައުންސިލް ކައިރީގައި ހުންނަ ފަޅު ގެއެއްގައި ޕާކު ކޮށްފައި އޮއްވައި ކަމަށެވެ.
އޭނާ ވިދާޅުވީ ޕިކަޕްގައި ރޯވިކަން އެނގުނީ ފަތިހު ކަމަށާއި އޭގައި ރޯވީ ކަމެއް ނުވަތަ ގަސްތުގައި ރޯކޮށްލީ ކަމެއް ބުންނަން ނޭނގޭ ކަމަށެވެ.
"ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން. ތަހުގީގަށް ފަހު އަޅުގަނޑުމެންނަށް އެއްޗެއް ބުނަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
މިއީ އާންމުކޮށް އިއުލާނުކޮށް ބިޑް އުސޫލުން ސަރުކާރާއި ކައުންސިލްގެ ހަރަދުގައި ގެނައި ޕިކަޕެކެވެ.
"ސަރުކާރުން ދިން 400،000 ރުފިޔާ އާއި ކައުންސިލުގެ ބަޖެޓުން 85،000 ރުފިޔާ ލައިގެން ކައުންސިލްގެ ބޭނުމަށް ސީދާ ރާއްޖެއިން ބޭރުން ގެނައި ޕިކަޕެއް އެއީ،" ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.
އާބާދީގައި 1،000 އަށް ވުރެ ގިނަ މީހުން އުޅޭ ލަންދޫ ކައުންސިލުން ބުނީ ޕިކަޕު ގެނައިތާ ދޮޅު މަސް ވެއްޖެ ކަމަށެވެ. އެކަމަކު ކުނި އުކުމުގެ މަސައްކަތަށް ޕިކަޕު ބޭނުން ނުކޮށް އޮތީ އެ އުޅަނދުގެ ރަޖިސްޓްރޭޝަންގެ ކަންކަން ނުނިމޭތީ ކަމަށެވެ،
"އިއްޔެ އުޅަނދު ރަޖިސްޓްރީވިކަން އެނގުނީ. އެކަމަކު އަދި އަޅުގަނޑުމެންނަށް ރަޖިސްޓްރީ ނުލިބޭ. އެހެންވެ އަދި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ނުފެށި އޮތީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި ޕިކަޕް ބޭނުންކޮށްގެން ކުނި އުކާލުމަށް ނަގަން ނިންމި 200ރ. ގެ ފީއާ މެދު ބައެއް މީހުންގެ ހިތްހަމަނުޖެހުން ހުރި ކަމަށާއި އެކަމަކު އެއީ ރައްޔިތުންގެ ބައްދަލުވުމެއްގައި ފާސްކުރި އަދަދެއް ކަމަށެވެ. އެހެންވެ މިއީ ބަޔަކު ޕިކަޕަށް ގެއްލުމެއް ދޭންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕިކަޕް އަލުން ބޭނުން ކުރެވޭނެތޯ އަދި އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު އިތުރަށް ބަލައިގެން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.