މީގެ އަހަރެއްހާ ދުވަސްކުރިން ކުނި އެންދުން ހުއްޓާލި ކ. ތިލަފުށީގެ ކުނިގޮނޑުގައި މިއަދު ވަރަށް ބޮޑަށް ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން ފަޔަ އެންޑް ރެސްކިއު ސާވިސް އާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށް ސިފައިން ބުންޏެވެ. އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާ ހިނގީ އެ ރަށުގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ސަރަހައްދުގައި ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެ އަލިފާންގަނޑު ނިއްވާލެވިފައިިޔަސް، އެ ސަރަހައްދުން ދުން އަރަމުން ދާ ކަމަށެވެ.

"...ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނި، ބޯކޮށް ދުން އެރުމަކީ އެކަށީގެންވާ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތުގައި ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ޕްރޮސެސްކޮށް ބޭލްކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް، ތިލަފުއްޓަށް ގެންދާ ކުނީގެ އަދަދު އިތުރުވެފައި ވުމާއި ކުނި މެނޭޖުކުރުމަށް ކުރާ މަސައްކަތް އިތުރުކުރަން ޖެހުމުން، ވަކި ތަނެއްގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ކަމަށެވެ.

ތިލަފުށި ކުނިގޮނޑުގައި ރޯވެފައި ހުރި ތަނަށް ސިފައިން ފެން ޖަހަނީ -- ފޮޓޯ: އެމްއެންޑީއެފް
ތިލަފުށި ކުނިގޮނޑުގައި ރޯވެފައި ހުރި ތަނަށް ސިފައިން ފެން ޖަހަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިފައިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުނިގަނޑުގެ ބޮޑު ބައެއްގެ ރޯވި އެވެ.

ތިލަފުށީގައި ކުނި އެންދުން ސަރުކާރުން ހުއްޓާލީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ސަރުކާރުން ހިންގާ ބޮޑު ޕްރޮޖެކްޓުގެ ދަށުން ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި، ކުނި ނާންދައި، ކުނި ނައްތާލެވޭނެ ޒާމަނީ ވަސީލަތްތައް އެ ރަށުގައި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ތިލަފުށީގައި އޮތް ބޮޑު ކުނި ފަރުބަދަ ވެސް ވަރަށް ބޮޑަށް ހުސްކޮށްފަ އެވެ.