ނިއު ޔޯކް (28 މެއި) - ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އެމެރިކާގެ ނައިކީ އިން ޕީއެސްޖީގެ ނޭމާއާ އެކު ހެދި އެއްބަސްވުން ބާތިލުކުރީ އޭނާއާ ގުޅޭ ތަހްގީގެއް ކުރަމުންދާތީ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.
ނައިކީގެ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި ނޭމާއާ އެކު އޮތް ގުޅުން އެ ކުންފުނިން ކަނޑާލީ މިދިޔަ އަހަރު އެވެ. މިހާރު ނޭމާ ވަނީ ކުޅިވަރު ސާމަނު އުފައްދާ ދެ ވަނައަށް އެންމެ ބޮޑު، ޖަރުމަންގެ ޕިއުމާ ބްރޭންޑްގެ އެމަބަސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ، ނައިކީގެ އިވެންޓަކަށް 2016 ވަނަ އަހަރު ނިއު ޔޯކަށް ނޭމާ ކުރި ދަތުރުގައި، އޭނާ ހުރި ހޮޓަލްގައި ނައިކީގެ އަންހެން މުވައްފަކަށް ޖިންސީ ގޯނާކުރަން ނޭމާ އުޅުނު ކަމަށެވެ. އެ މުވައްޒަފު ވަނީ 2018 ގައި އެ މައްސަލަ ހުށަހަޅައިފަ އެވެ. މައްސަލަ ތަހްގީގު ކުރަން ނައިކީން 2019 ގައި ވަނީ ލޯފާމަކާ ހަވާލުކޮށްފަ އެވެ.
އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ބުނެ އެވެ. ނޭމާއާ އެކު 15 އަހަރު ވަންދެން އޮތް ގުޅުން ނައިކީން ކަނޑާލި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.
ނަމަވެސް ނައިކީގެ ޖެނަރަލް ކައުންސެލް، ހިލަރީ ކްރޭންއާ ހަވާލާދީ ވޯލްސްޓްރީޓުން ބުނީ، ރަނގަޅު މަގުސަދެއްގައި ކުރާ ތަހުގީގަށް ނޭމާގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ.
ނޭމާގެ މައްޗަށް ކުރެވޭ ތުހުމަތު އޭނާގެ ތަރުޖަމާން ދޮގު ކުރެ އެވެ.