ޕެރިސް (އޮގަސްޓް 31) – ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އާއި އޭނާގެ ސްޕޮންސަރު އެމެރިކާގެ ނައިކީން 15 އަހަރަށް ފަހު ވަކިވެއްޖެ އެވެ.

ނައިކީ އިން ނޭމާ ސްޕޮންސާކުރީ އޭނާގެ އުމުރުން 13 އަހަރުގައި، ބްރެޒިލްގެ ސަންތޯސްގެ ޖޫނިއާ ޓީމަށް ކުޅުނިއިރެވެ. އޭރު ނޭމާ އަކީ ކުރިމަގުގެ ތަރިއަކަށް ވާނެ ކަމަށް ބެލެވިފައި ހުރި ކުޅުންތެރިއެކެވެ.

ނައިކީގެ ތަރުޖަމާނަކު ވަނީ ނޭމާ އަކީ މިހާރު ނައިކީގެ އެތުލީޓެއް ނޫންކަން އޭއެފްޕީ އަށް ކަށަވަރުކޮށްދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އަންނަނީ ޖަރުމަނުގެ ޕޫމާއާ ވާހަކަދައްކަމުންނެވެ.

ބްރެޒިލްގެ ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އާއި ނައިކީން ވަކިވީ އެއްބަސްވުން އާކުރާއިރު ލިބޭނެ އަދަދަކާ މެދު އެއްބަސްނުވެވިގެންނެވެ. އަދި ނޭމާ އާއި ނައިކީން އެންމެ ފަހުން ހަދާފައި އޮތީ 2022 ވަނަ އަހަރު ހަމަވާ ގޮތަށް އޮތް 11 އަހަރުގެ ކޮންޓްރެކްޓެއް ކަމަށާއި އޭގެ ދަށުން ނޭމާ އަށް ޖުމްލަ 105 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯ އަށް ބަދަލުވި ނޭމާ އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިއާ އެވެ. ފޯބްސް އިން ބުނާ ގޮތުގައި ނޭމާ އަށް މި އަހަރު އާމްދަނީގެ ގޮތުގައި 95.5 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އޭނާ އަކީ ދުނިޔޭގެ ހަތް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލެބްރިޓީ އެވެ.

ނޭމާ އާއި ނައިކީ ވަކިވި ނަމަވެސް ޕީއެސްޖީ އާއި ބްރެޒިލްގެ ސްޕޮންސަރަކީ ނައިކީ ކަމަށްވުމުން ދަނޑުމަތީގައި އަދި ޓްރެއިނިންގައި ބޭނުންކުރަން ޖެހޭނީ އެ ބްރޭންޑުގެ ކިޓެވެ.

ނައިކީން ސްޕޮންސާކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި މައިކަލް ޖޯޑަން، ލެބްރޮން ޖޯންސް، ކްރިސްޓިއާނޯ ރޮނާލްޑޯ، ސެރީނާ ވިލިއަމްސް އަދި ޓައިގަ ވުޑްސް ހިމެނެ އެވެ. --އޭއެފްޕީ