އޮސްޓްރޭލިއާ އިން ރާއްޖެ އަށް 1.8 މިލިއަން ރުފިޔާ ޕީޕީއީ ސާމާނު ހަދިޔާކޮޮށްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ އިން ހަދިޔާކުރި ތަކެތި މިދިޔަ ހަފުތާގައި ސްރީ ލަންކާގައި ބޭއްވި ރަސްމިއްޔާތެެއްގައި ހަވާލުކޮށްދެއްވީ ލަންކާ އާއި ރާއްޖެ އަށް އޮސްޓްރޭލިއާ އިން ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޮލީ އެވެ. ރާއްޖެއިން އެ ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގެވެ.

އޮސްޓްރޭލިއާ އިން ހަދިިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12،000 ކަވަރޯލް ސޫޓާއި ދެ ލައްކަ އަންގި އެވެ. އެ ތަކެތީގެ އަގު 120،000 ޑޮލަރު (1.8 މިލިއަން ރުފިޔާ) އަށް އަރާ ކަމަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން ބުންޏެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް އެކި ގައުމުތަކުން އަންނަނީ ރާއްޖެއަށް މެޑިކަލް ސާމާނާއި ޕީޕީއީގެ އިތުރުން ފައިސާގެ އެހީ ވެސް ފޯރުކޮށް ދެމުންނެވެ. އޭގެ ތެރޭގަައި ޗައިނާ އާއި އެމެރިކާ އާއި އިންޑިއާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.