އޮސްޓްރޭލިއާގެ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ ރަސްމީކޮށް މިއަދު ހަވާލުވެއްޖެ އެވެ.
އޮސްޓްރޭލިއާގެޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައި، އެ އުޅަނދު ރާއްޖެއަށް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.
އަސްކަރީ ކަނޑުމަތީގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި އުޅަނދު ހަވާލު ކުރުމުގެ ލިޔުން ބަދަލު ކުރުމަށްފަހު، އެ މަނަވަރުގެ ކޮމާންޑިން އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފަ އެވެ.
އެ އުޅަނދަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއަށް ހަދިޔާ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނީ އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި، ރައްކާތެރި ކުރުމާއި ކަނޑުމަތީގެ ނުރައްކާތަކާ ކުރިމަތިލުމުގައި ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރަން ލިބުނު މުހިއްމު އެހީއެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ އުޅަނދަކީ ސިފައިންގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެވުނު މަސައްކަތުގެ ދަށުން ލިބުނު އުޅަނދެކެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ އެ އުޅަނދު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށް ގެންދާ ހާއްސަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން އަންނަ މަހުގެ ފަހުކޮޅު އެވެ.