ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ގާޑަށް ރޭ ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ޑިއުޓީ އަށް ދިޔަ މަގުމަތީގައި ހުއްޓުވައި ގާޑަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 29 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ.
ނޭކުރެންދޫ ކައުންސިލް މެމްބަރަކު މިއަދު ވިދާޅުވީ އަނިޔާކުރި ގާޑުގެ ހާލު ސީރިއަސް ކަމަށެވެ. ބޮލާއި ގައިގެ އެކި ތަންތަން ޒަހަމްކޮށްލާފައިވާ ގާޑަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ހަވީރު މާލެ ގެންދަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި 60 އަހަރުގެ އެ މީހާ އަށް އަނިޔާކުރި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮއްވައި ކަމަށާއި ޑިއުޓީ އަށް ދިޔައިރު ގެންދިޔަ ފޯނާއި ދަބަސް ވެސް ކައިރީގައި އޮތް ކަމަށް ކައުންސިލުން ބުންޏެވެ.
"ވެއްޓިފައި އޮތް ތަނުގައި ލަކުޑި ފަތިތަކެއް ހުރި. ބެލެވެނީ އޭގެއިން ކަމަށް ހަމަލާދިނީ،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
ފުލުހުން އަންނަނީ ގާޑަށް ހަމަލާދިން ސަބަބު ތަހުގީގު ކުރަމުންނެވެ.