ސާވިސް ޗާޖާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައާ ގުޅިގެން ހޫނު ފެނަށް ވެއްޓިފައިވަނިކޮށް، އޭނާއަށް އިތުބާރުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާމެދު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލެއްވި އެވެ.
އަލީ ވަހީދު ދިފާއުކުރައްވައި އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަނަށް ވާއިރު އޭނާއަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެ ކަމަށެވެ. ފާއިތުވި އަހަރެއްގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިނިމަމް ވޭޖާއި ސާވިސް ޗާޖްގެ މައްސަލަ ހައްލުކުރެވޭނެ. މިނިސްޓަރު އަލީ ވަހީދަށް އިތުބާރުކުރަން،" ނަޝީދުގެ ޓްވީޓުގައި ވެ އެވެ.
ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން މިނިސްޓަރު ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.