ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި އެ ބައްދަލުވުން ބޭއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަލީ ވަހީދު އައްޔަން ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒުވަމުން ދަނިކޮށެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ.

އެ މިނިސްޓަރުންނަށް ފާޑުކިޔާ މީހުންގެ ތެރޭގައި އާންމު ގޮތެއްގައި ގިނައީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އަދި އެ ވަޒީރުންނަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަނިކުފާނުގެ ކެބިނެޓު އެކުލަވައިލެއްވީ ކޯލިޝަން ޕާޓީތަކުން ވަޒީރުންގެ ގޮތުގައި ހަމަޖައްސަވަން ފޮނުއްވި ބޭފުޅުންނާ އެކު އެވެ. ކެބިނެޓް ހިއްސާވަނީ އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.