ފ. މަގޫދޫ ކައުންސިލް އިދާރާގެ ގާޑު ބަނުމަށް ފަހު، އެ އިދާރާގެ ތިޖޫރި ފަޅާލި މައްސަލައިގައި ނުވަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ހައްޔަރުކުރީ އުމުރުން 23 އަހަރާއި 38 އަހަރާ ދެމެދުގެ ނުވަ ފިރިހެނަކު ކަމަށެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ފ. ނިލަންދޫ ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ކުރިން ވިދާޅުވެފައި ވަނީ އިއްޔެ ރޭ ފަޅާލި ތިޖޫރީގައި ހުންނާނީ ގާތްގަނޑަކަށް 2،000ރ. ކަމަށެވެ. ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން ކައުންސިލްގެ އިދާރާގެ ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ކައުންސިލް އިދާރާގެ ހުރިހާ ކަބަޑެއްހެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަަމަށާއި ލިޔެކިޔުންތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެ އެވެ.