ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެ ތަނުގެ ތިޖޫރި ފަޅާލައިގެން ރޭ ފަތިހު ވައްކަން ކޮށްފި އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު "މިހާރު" އަށް މިއަދު ވިދާޅުވީ، ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން ކައުންސިލްގެ އިދާރާގެ ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން، އެތަނުގައި ހުރި ގާތްގަނޑަކަށް ހުރިހާ ކަބަޑެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަަމަށާއި ލިޔެކިޔުންތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަމަލު ހިންގި މީހުން ސެކިއުރިޓީ ގާޑު ބަނުމުގެ އިތުރުން އޭނާ އަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ތިޖޫރީގައި މާގިނަ ފައިސާއެއް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގިނަވެގެން ހުންނާނީ ދެތިން ހާސް ރުފިޔާއެއް. އެކަމަކު އޮފީހަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި، މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީން ބަޔަކު ވައްކަން ކޮށްފައި ވަނީ ގާޑު ބަނުމަށް ފަހު، ދޮރު ހަލާކުކޮށްލައިގެން ކަން އެނގިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.