އެމްއެންޑީއެފްގެ ކޯހެއްގެ ދަސްވެނިންނަށް ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތެއް ކަނޑު އަޑީގައި މިއަދު ބާއްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ރަސްމިއްޔާތުގައި ބެޖު ހަވާލުކުރީ ކޯސްޓް ގާޑުގެ ބޭސިކް ޑައިވިން ކޯހުން ދަސްވެނިވި ސިފައިންނަށް ކަމަށެވެ. ކ. ގިރިފުށީ ކަނޑު އަޑީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބެޖު ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ރާއްޖެ އިން ބޭރުގެ ސިފައިން ވެސް ބައިވެރިވި އެ ކޯސް 19 މީހަކު ފުރިހަމަ ކުރިއިރު، ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އާންމުކޮށް ސިފައިންގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދާ ގޮތާ ދާދި އެއްގޮތަކަށެވެ.

އެމްއެންޑީއެފުން އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ޑައިވިން ފުޅި އަޅައިގެން ހުރިހާ ސިފައިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވީ ކޮމްބެޓް ޔުނިފޯމުގަ އެވެ. އަދި ސިފައިންގެ އިސް އޮފިސަރުންތަކަކާ އެކު، ޝަމާލް ރަސްމިއްޔާތު އޮތް ތަނަށް ވަޑައިގަތުމާ އެކު، ސިފައިން އޭނާ އަށް ސެލިއުޓު ކުރެ އެވެ. ބެޖު ލިބުނު ސިފައިންގެ ކޮންމެ މީހެއްގެ ޔުނިފޯމުގައި ވަކިވަކިން ބެޖް ހަރުކޮށް ދެއްވަނީ ވެސް ޝަމާލެވެ.

ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ކަނޑު އަޑީގައި ކަމަށް ވިޔަސް، އެ ކޯހުން ވަނަތަކަށް ހޮވުނު ސިފައިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ ގިރިފުށީ ޓްރެއިނިން ސެންޓަރުގަ އެވެ. އިނާމު ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ވެސް ކަނޑު އަޑީގައި ބޭއްވި އެވެ.