ވެއިތުވެދިޔަ އަހަރުތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑް ޔުނިޓްގައި މަސައްކަތް ކުރި ސިފައިންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ތައުރީފް ކުރައްވައިފި އެވެ.
ސިފައިންނަށް ހިންގި ޓެކްނިކަލް ޑައިވިން އިންސްޓްރަކްޓަރު ކޯހާއި ލައިފް ގާޑް ކޯސް ނިންމުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ކޯސްޓް ގާޑްގެ ޑައިވިން ޔުނިޓްގެ ސިފައިން ވެއިތުވެދިޔަ އަހަރުތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އެކަމަށްޓަކައި ކޯސްޓް ގާޑްގެ ސިފައިންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ޝަމާލް ވިދާޅުވީ ސްކޫބާ ސްކޫލް އިންޓަނޭޝަނަލް (އެސްއެސްއައި) ގެ ފަރާތުން ކަނޑު އަޑީގައި ފީނުމަށް ދިން ސާމާނުތަކާ އެކު އެމްއެންޑީއެފުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ސިފައިންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީންތަކުގެ ސަބަބުން ޑައިވަރުންގެ ހުނަރާއި ގާބިލްކަން ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯސްޓް ގާޑްގައި މަސައްކަތް ކުރާ ސިފައިންނަކީ ކަނޑުމަތީގައި ހިނގާ އެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ. އަދި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މޫދަށް ގެއްލޭ މީހުން ހޯދަން ކަނޑު އަޑިއަށް ފީނައިގެން ހޯދަން ކުރާ މަސައްކަތެވެ.
އެސްއެސްއައިގެ ފަރާތުން ކޯސްޓް ގާޑަށް ހަދިޔާ ކުރީ ފަސް ޓެކްނިކަލް ޑައިވިން ފުލް ކިޓެވެ.
އެމްއެންޑީއެފުން ބުނީ މި ތަކެތީގެ ސަބަބުން ކޯސްޓް ގާޑުން ކަނޑު އަޑީގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މިހާރަށް ވުރެ ގިނަ ވަގުތު އަޑީގައި އޮތުމުގެ އިތުރުން މިހާރަށް ވުރެ ފުންކޮށް ފީނުމުގެ ގާބިލްކަން ވެސް ކޯސްޓް ގާޑުގެ ޑައިވަރުންނަށް ލިބިގެން ދާނެ ކަމަށެވެ.
އެސްއެސްއައިގެ ފަރާތުން ހިންގި ކޯސްޓް ގާޑް ޓެކްނިކަލް ޑައިވިން އިންސްޓްރަކްޓަ ކޯހުގައި ހަތަރު ޓެކްނިކަލް ޑައިވަރުން ބައިވެރިވި އެވެ. އަދި ލައިފް ގާޑް ކޯހުގައި އަށް ސިފައިން ތަމްރީން ހޯދި އެވެ.