ޖަލުތަކުގައި ގައިދީންނާ ދޭތެރޭ އަމަލުކުރާ ގޮތުގެ މައުލޫމާތު ހިއްސާކުރަން، ޖަލުތައް އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަން ހިންގާ ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ ޖަލުތައް އޮޑިޓްކުރަން ބޭނުންވާ މައުލޫމާތު އެއްކޮށް ދިރާސާކުރުމުގެ މަސައްކަތް ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރަން އާއްމުންނަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
މައުލޫމާތު ހިއްސާކުރުމަށް [email protected] އަށް މެއިލްކޮށްގެންނާއި ރަސްމީ ގަޑީގައި 3321752 އަށް ގުޅައިގެން ނުވަތަ ސިޓީއަކުން އަދި އެ ކޮމިޝަންގެ އޮފީހަށް ހާޒިރުވެގެން ވެސް މައުލޫމާތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ތެރޭގައި މާލެ ޖަލާއި ކ. މާފުށީ ޖަލާއި ކ. ހިންމަފުށީ ޖަލު ހިމެނެ އެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ ޖަލުތަކުގެ ތެރޭގައި މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ހިމެނެ އެވެ. ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ވެސް ހުރެ އެވެ.
ޖަލުތަކުގެ ހާލަތު ދަށްވެ ގައިދީންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމުގެ ފާޑުކިޔުންތައް އަމާޒުވެ އެވެ. އަދި އެކަށީގެންވާ ފަރުވާ ނުލިބިގެން ގިނަ ގައިދީންތަކެއް ވެސް ވަނީ މަރުވެފަ އެވެ. އެހެންވެ އެ ކަންތައް ހައްލުކުރުމަށް ޖަލުތަކާ ގުޅޭ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެކެވެ.
ޖަލުތައް އޮޑިޓްކުރުމަށްޓަކައި މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ހަތް މެމްބަރުންގެ ކޮމެޓީއެއް އުފައްދައިފަ އެވެ.