ރާއްޖޭގައި ހުރި ޖަލުތަކުގެ އޮޑިޓެއް ހަދަން ހަތް މެމްބަރުންގެ ކޮމިޝަނެއް މިއަދު އެކުލަވާލައިފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަލުތަކާ ގުޅޭ އޮޑިޓެއް ހަދަނީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި، އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވައިލަން ކަމަށެވެ. އަދި ރިޕޯޓަށް ރިއާޔަތްކޮށް، ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އަމާޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ތެރޭގައި މާލެ ޖަލާއި ކ. މާފުށީ ޖަލާއި ކ. ހިންމަފުށީ ޖަލު ހިމެނެ އެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ ޖަލުތަކުގެ ތެރޭގައި މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ހިމެނެ އެވެ. ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ވެސް ހުރެ އެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަށް ހޯމް މިނިސްޓްރީން ހަވާލު ކުރީ ހަތް މެމްބަރުންގެ ކޮމިޝަނެކެވެ.

ހަތް މެމްބަރުންގެ ކޮމިޝަންގައި ހިމެނެނީ:

1- ޑރ. އަބްދުﷲ ހިސްނީން ހިލްމީ، ތެވެލި، ސ. ހިތަދޫ

2- ޝެއިހް އަހުމަދު އަބްދުލްކަރީމް، ހުޅުމާލެ ފްލެޓު 07-03-23

3- ޝަހިންދާ އިސްމާއިލް، މ. ބޯގަންވިލާ، މާލެ

4- ޒުލައިހާ ދާއޫދު، ގ. މާލެހިޔާ 2، މާލެ

5- އަހުމަދު މުހައްމަދުފުޅު، ރިހިތަމާގެ، ރ. ކަނދޮޅުދޫ

6- ޝާދިޔާ އާދަމް، ސާތި، އދ. ދަނގެތި

7- އައިމިނަތު ނަހީނާ އަހުމަދު، މާބުރާގެ، ޏ. ފުވައްމުލައް

ޖަލުތަކާ ގުޅޭ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.