ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާނަށް ކުރިމަތިވި ހަލަބޮލިކަމާ އެކު، އެ މައިދާނުގައި ބޮޑަށް ހަރަކާތްތެރިވާތަން ފެންނަނީ ހަލަބޮލި ސިޔާސީ ލީޑަރުންނެވެ. މަގުމަތީގެ ހަރަކާތްތަކުގައި އަޑުއުފުލައި ޖޯޝް ހުރި ވާހަކަތަކުން ރައްޔިތުންނަށް ހިތްވަރު ގެނެސްދިނުމަކީ އެފަދަ ބައެއް ލީޑަރުންގެ ހާއްސަ ސިފަތަކެވެ.
އެކަމަކު މި އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނުކުންނެވި އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ފާހަގަކުރެވެނީ ހަރުކަށިކަމަށް ވުރެ ބޮޑަށް ތަންކޮޅެއް ހިމޭން ބޭފުޅެއްގެ ގޮތުގަ އެވެ. ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން މަޝްވަރާތަކުގެ ތެރެއިން ގޮތް ނިންމަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ އިންސްޓަގްރާމަށް ގަވާއިދުން ލައްވާ ފޮޓޯތަކުން ވެސް ފެންނަނީ އެކަމެވެ. ގުދުރަތުގެ ހިމޭން މަންޒަރުތަކުން އިބޫގެ ހިމޭން ދުނިޔެ ސިފަކުރެވެ އެވެ.
ރިޔާސީ އިންތިހާބުގައި އިބޫ ޕްރޮމޯޓް ކުރައްވަމުން ގެންދަވަނީ ޖަޒީރާ ރާއްޖެ އެވެ. ތަރައްގީގެ ނަމުގައި ރަށުގެ ގުދުރަތީ ރީތިކަން ނަގާނުލައި، އެ ރަށްތަކަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެވެ. އެކަމަކު އިންތިހާބީ މި ވައުދުތައް، ވަޑައިގަތުމުގެ މާ ކުރިން ވެސް އޭނާގެ ފޮޓޯތަކުން ފެންނަނީ އެ ފަދަ ހިތްހަމަ ޖެހޭ މާހައުލެކެވެ. ރަށްރަށުގެ ގޮނޑުދޮށާއި މޫދެވެ. އިރު އަރާ އޮއްސޭ މަންޒަރެވެ. ފެހި މަލަމައްޗާއި ގުދުރަތީ ޗާލުކަމެވެ.
އިބޫ ވިދާޅުވި ގޮތުގައި ފޮޓޯ ނެންގެވުމަކީ އޭނާގެ ހޮބީ އެވެ. އެންމެ ކުރިއްސުރެ އޭނާ ފޮޓޯ ނަންގަވަ އެވެ. ފޮޓޯގްރަފީގެ ޕްރޮފެޝަނަލް ލެވެލްގެ ކޯހެއް ވެސް ހައްދަވާފައިވާއިރު، އެ ހުނަރު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެކަމަކު ބޮޑު ކެމެރާއެއް ހިފައިގެން އުޅުއްވަން ވަގުތު ނުވާތީ، މިހާރު ހުރިހާ ފޮޓޯއެއްހެން ރައްކާކުރައްވަނީ އޭނާގެ ފޯނުގަ އެވެ.
"އަޅުގަނޑަށް އެނގޭ ވަރަށް ރީތިކޮށް ފޮޓޯ ނަގަން. އިންސްޓަގްރާމްގައި ހުންނާނީ ހައްތަހާވެސް އަޅުގަނޑު ނަގާފައިވާ ފޮޓޯތައް. އެހާ ގޯހެއް ނުވާނެ. ތިބޭފުޅުން ބައްލަވާލެއްވީމައި އެނގޭނެ،" ރާއްޖެ ޓީވީން ގެނެސްދޭ "އިބޫ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، އެކި ރަށްރަށަށް މިހާރު ކުރައްވާ ކެމްޕޭން ދަތުރުތަކުން ވެސް، ފޮޓޯ ނެގުމަށް އޮތް ލޯބި އިބޫގެ ފަރާތުން ފެނެ އެވެ. ދުވާލަކު ފަސް ހަ ރަށަކަށް ވަޑައިގެން ނަމަވެސް، ދުވަހުގެ ކޮންމެވެސް ހިސާބަކުން، އެ ރަށެއްގެ ގުދުރަތީ ރީތިކަމަށް އޭނާގެ ފޯނުގެ ކެމެރާ އަމާޒު ކުރައްވަ އެވެ. މި މަންޒަރުު އެންމެ ކައިރިން ފެނިވަޑައިގަންނަވާ އެކަކީ، ކެމްޕޭން ދަތުރުގައި އިބޫއާ އެންމެ ގާތުގައި ހުންނަވާ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
ހަސަންޓޭ ވިދާޅުވި ގޮތުގައި ރަށްރަށުން ފެންނަ ގުދުރަތީ ރީތި މަންޒަރުތައް އިބޫ ވަރަށް ގިނައިން ފޮޓޯ ނަންގަވައި، އިންސްޓަގްރާމް ކުރައްވަ އެވެ. އިރުއަރާ އަދި އޮއްސޭ މަންޒަރުތަކާއި ގޮނޑުދޮށްތަކުގެ ޗާލު މަންޒަރުތައް އޭނާގެ ކެމެރާގައި ރައްކާ ކުރައްވަ އެވެ. މިއީ އިބޫގެ ފަރާތުން ފެންނަ ވަރަށް ހާއްސަ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނައިން ފެންނާނެ އެހެން ފޮޓޯނަގަން ހުންނަވާތަން. މީހުންނަށްވުރެ ބޮޑަށް ގުދުރަތީ ރީތިކަން ނަގާނީ. އެކަމަކު އެ ފޮޓޯތައް އަޅުގަނޑުމެންނާ ހިއްސާއެއް ނުކުރައްވާނެ،" ހަސަންޓޭ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ކޮންމެ މަންޒަރެއް ވެސް އޭނާއަށް ފެނިވަޑައިގަންނަވަނީ ފޮޓޯގްރާފަރެއްގެ ނަޒަރުންނެވެ. ގޮޅިއެއްގެ ގޮތަށް، ކެމެރާގެ ލެންސަށް އެ މަންޒަރު ފައްތާލީމައި ހުންނަ ގޮތަށެވެ. ފޮޓޯ ނެގުމަށް އޭނާގެ ހިތުގައި އޮތް ލޯބި މިކަމުން ވެސް އެނގެ އެވެ.
"އަޅުގަނޑަށް ނެގިފައި ހުންނާނެ ޕޯޓްރެއިޓް ފޮޓޯ ވެސް. ލޭންޑްސްކޭޕް ފޮޓޯ ވެސް. އެކަމަކު އެންމެ ޝައުގުވެރިވަނީ ގުދުރަތީ މަންޒަރުތައް ނެގުމަށް،" އިބޫ ވިދާޅުވި އެވެ.
މިއީ އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. ސަރުކާރާއި އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިންމޭޓުން އަދި ޕާޓީތަކުގެ އިސް ބޭފުޅުން، ރަށްރަށަށް ވަޑައިގަންނަވާއިރު އެ ބޭފުޅުންނާ ސަލާމް ކުރައްވާ ސެލްފީ ނަގަން، ރަށްރަށުގެ އެތައް ބަޔަކު އަތިރިމައްޗަށް ނިކުމެ ތިބޭ މަންޒަރު ފެނެ އެވެ.
އިބޫ ވެސް ކުޑަކުދިން އުރުއްވައިގެން، އެ ކުދިންނާ އެކު ފޮޓޯ ނަގާ މަންޒަރު ގިނައިން ފެނެ އެވެ. އެކަމަކު އެހެން ބޭފުޅުންނާ ހިލާފަށް، އޭނާ އެ ރަށުން ފައިބައި ވަޑައިގަންނަވަނީ ރަށުގެ ރީތިކަން، އޭނާގެ ފޯނުގައި ރައްކާ ކުރައްވައިގެންނެވެ. އަދި އޭނާގެ އެ ތަފާތު ޝަހުސިއްޔަތު، އެ ނަންގަވާ ފޮޓޯތަކުން ފެނެ އެވެ.