އިއްޔެ ބޭއްވި އެމްޑީިޕީ ވާދަވެރި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ އެއް ކަމަކީ، އެމަނިކުފާނުގެ އެއް ސިޔާސަތުގެ ނަތީޖާ ފެނުމެވެ. އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެމަނިކުފާނު ފެއްޓެވި މަޝްރޫއުތަކުގެ ފައިދާ، ރައީސަށް މާ ބޮޑަށް ވެސް އިއްޔެ ކޮށްފި އެވެ. އިންތިހާބު 61 ޕަސެންޓުން ކާމިޔާބު ކުރެއްވި އިރު، އެ ތަފާތު އެމަނިކުފާނު ބޮޑުކުރެއްވީ ކުދިކުދި ރަށްރަށުން ނެރުނު ތަފާތު ބޮޑު ނަތީޖާ އިންނެވެ.
އިންތިހާބުގައި 24،000 ވޯޓު ރައީސަށް ލިބިވަޑައިގަތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،000 ވޯޓެވެ. ރާއްޖޭގައި އެންމެ އާބާދީ ކުޑަ ފަސް އަތޮޅު ކަމަށްވާ ވ، ފ، މ، އދ. އަދި އއ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުންހެން ވޯޓުލީ މީހުންގެ 50 ޕަސެންޓް ރައީސް ނެންގެވި އެވެ. މިއީ މުޅި ނަތީޖާގެ 10 ވަރަކަށް ޕަސެންޓެވެ. އަދި އެއީ، ރައީސްގެ ފަރަގު ބޮޑުކުރަން ލިބިވަޑައިގަތް އެންމެ ބޮޑު ފުރުސަތު ވެސް މެ އެވެ.
އާބާދީ ބޮޑެތި ސަރަހައްދުތައް ކަމަށްވާ، މާލެ، އައްޑޫ އަދި ފުވައްމުލަކާއި ހުވަދު އަތޮޅު، އަދި ހައްދުންމަތީގެ ބޮޑެތި ރަށްރަށުން ރައީސަށް، ނަޝީދާ އަޅާ ބަލާއިރު ފަހަރު ބޮޑެއް ނުކުރެއްވެ އެވެ. މާލޭގެ 15 ފޮށީގެ ތެރެއިން ރައީސަށް ލިބިވަޑައިގަތީ ހަތް ފޮއްޓެވެ. އައްޑޫގެ 12 ފޮށީގެ ތެރެއިން ރައީސަށް ލިބިވަޑައިގަތީ ފަސް ފޮއްޓެވެ.
50 ޕަސެންޓުން ދަށް ލިބުނު:
- އިބްރާހިމް މުހަންމަދު ސޯލިހު: 51 ފޮށި
- މުހަންމަދު ނަޝީދު: 196 ފޮށި
100 ޕަސެންޓް ލިބުނު ފޮށި:
- އިބްރާހިމް މުހަންމަދު ސޯލިހު: 7 ފޮށި
- މުހަންމަދު ނަޝީދު: ނެތް
މެޖޯރިޓީ ލިބުނު ފޮށި: - އިބްރާހިމް މުހަންމަދު ސޯލިހު: 200 ފޮށި
- މުހަންމަދު ނަޝީދު: 44 ފޮށި
ރަށްރަށުގެ ވޯޓުލާފައިވާ ނަތީޖާތަކަށް ބަލާއިރު ރާއްޖޭގެ ހަތް ރަށަކުން 100 ޕަސެންޓް ވޯޓު ރައީސް ހޯއްދެވި އެވެ. އަދި 90 ޕަސެންޓަށް ވުރެ މަތިން 22 ރަށަކުން ނަތީޖާ ނެރުއްވި އިރު 33 ރަށަކުން ވަނީ ވޯޓު ލީ މީހުންގެ 80 ޕަސެންޓަށް ވުރެ މަތިން ރައީސް ވަނީ ކާމިޔާބުކުރައްވައިފަ އެވެ.
ސަތޭކަ ޕަސެންޓް ހޯދި ރަށްތައް
- ހދ. ނޮޅިވަރަންފަރު
- ރ. ކިނޮޅަސް
- އއ. ބޮޑުފުޅަދޫ
- އދ. ކުނބުރުދޫ
- އދ. ދިއްދޫ
- ތ. ވަންދޫ
- ލ. މުންޑޫ
މި ހުރިހާ ރަށްރަށަކީ ވެސް އާބާދީ މަދު ރަށްރަށެވެ.
ރަށްރަށުގެ ވާހަކަ: ރައީސް އަޅާލައްވާކަން އެނގޭ!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 100 ޕަސެންޓް ވޯޓު ލިބުނު ވަންދޫގެ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާޒު ވިދާޅުވީ، އެ ރަށުން އެހާ ބޮޑު ތާއީދެއް ލިބުނީ، ވޭތުވެދިޔަ 50 އަހަރުގައި ވެސް ނުހިނގާ ވަރަށް އެ ރަށުގައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަޝްރޫއުތައް ހިނގަމުން އަންނާތީ ކަމަށެވެ.
ގާތްގަނޑަކަށް 400 މީހުން ދިރިއުޅޭ އެ ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ 90 ޕަސެންޓް ނިމުނު އިރު ފެނަކަ ބިލްޑިން އާއި ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުތަކާ އެކު އެ ރަށުގެ ގިނަ ޒުވާނުންތަކަކަށް ވަނީ ވަޒީފާގެ ފުރުސަތު ވެސް ފަހިވެފަ އެވެ.
"މި ޕްރޮޖެކްޓްތައް ނިމޭ އިރު ރަށުގައި ވަޒީފާ ނުލިބޭ އެއްވެސް ޒުވާނެއް ނުހުންނާނެ. ރައީސް ބަލައިގަންނަ އެއް ސަބަބަކީ ރަށަކީ ކުޑަ ރަށަކަށްވާ އިރު ކުރީ ސަރުކާރުތަކުން ނުކުރާ އެތައް ކަމެއް ކޮށްދެއްވާތީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުން ހދ. ނައިވާދޫން ތިން ވޯޓު ފިޔަވައި، އެ ރަށުން ވޯޓުލީ އެންމެން ވެސް ފާހަގަ ޖެއްސެވީ ރައީސަށެވެ. އެ ރަށުގެ ކައުންސިލް މެންބަރު އަހުމަދު އަފާގު ވިދާޅުވީ، ޕްރައިމަރީގައި އެ ރަށުން 90 ޕަސެންޓަށް ވުރެ ގިނަ މީހުން ރައީސަށް ތާއީދު ކުރި އެންމެ ބޮޑު ސަބަބަކީ ވެސް ރަށުގައި މިހާރު ހިނގަމުން އަންނަ ގިނަ ޕްރޮޖެކްޓްތަކެވެ. އޭނާ ވިދާޅުވީ، ފެނުގެ ހިދުމަތް ދޭން ފެށުމާއި ނަރުދަމާގެ ޕްރޮޖެކްޓް ކުރިއަށް ދިއުމަކީ ރަށުގެ ރައްޔިތުން މީގެ ކުރިން ދުވަހަކު ވެސް އުންމީދު ކުރި މަޝްރޫއުތަކެއް ވެސް ނޫން ކަމަށެވެ.
އާބާދީ ކުޑަވުމުން އެފަދަ މަޝްރޫއުތައް ރަށުގައި ހިންގުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އޭނާ ވިދާޅުވީ، އެފަދަ ޕްރޮޖެކްޓްތަކާ އެކު، މަޝްރޫއުތައް ހިންގުމުގައި ރަށުގެ ކުންފުނިތަކަށް އިސްކަން ދީގެން ކުރިއަށް ގެންދިއުމުން ރަށުގައި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެ، ވަކިވަކި ފަރުދުންނަށް އާމްދަނީ އިތުރު ކުރަން ފުރުސަތު ލިބުނު ކަމަށެވެ.
"ރަށުގައި މަސައްކަތް ކުރާ އުމުރުގެ 100 ވަރަކަށް މީހުން އެބަ ދިރިއުޅޭ. އާ ޕްރޮޖެކްޓްތަކާ އެކު ވަޒީފާތައް އިތުރުވުމުން އެތަފާތު ރަށުގެ އާންމު ދިރިއުޅުމުން އެބަފެނޭ،" އޭނާ ވިދާޅުވި އެވެ.
ވޯޓުލީ އަނެއް ސަބަބު: ވަޒީފާތައް އުފެއްދުން
ރާއްޖޭގެ ދެކުނުގެ ރަށްރަކުގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހޯދި އެއް ރަށަކީ ގދ. ވާދޫ އެވެ. ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ އެ ރަށަކީ އެމްޑީޕީ އަށް ތާއީދު ކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ. އެ ރަށުން ރައީސް މުހައްމަދު ނަޝީދަށް ލިބުނީ އެންމެ އަށް ވޯޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 117 ވޯޓު ލިބުނެވެ.
އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވީ، އެ ރަށުން އެހާ ބޮޑު ޕަސެންޓެއް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު އެއް ސަބަބަކީ ރަށުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ފަހިވުމުން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަށުގައި ދިރިއުޅޭ 18 އަހަރާއި 65 އަހަރާ ދެމެދުގެ އެއްވެސް މީހަކަށް ވަޒީފާއެއް ހޯދަން މިހާރު އުނދަގޫ ނުވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ، ގިނަ ބަޔަކު ވަޒީފާތަކުގައި ތިބުމުން، އެ ފަރާތްތަކުން ވޯޓު ލީ ރައީސަށް ކަމަށެވެ.
"ވަޒީފާގައި އުޅޭ މީހުންނަށް ހީވެފައި އޮންނަނީ އެ ވަޒީފާއަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ވަޒީފާއެއް ކަމާއި މުސާރަ ވެސް ދެއްވަނީ ރައީސް ކަަމަށް. އެ ސަބަބަށްޓަކައި ވެސް ރައީސް ނަޝީދަށް ކުރިން ތާއީދު ކުރާ މީހުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަން އެހެން ދިމާވި ނަމަވެސް، އެއީ އެއްވެސް ހާލެއްގައި މަޖުބޫރު ކޮށްގެން ވޯޓު ހޯދި ކަމަށް ގަބޫލު ނުުކުރައްވާ ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުންނަށް ބޭނުންވާ ގޮތް އިހްތިޔާރު ކުރަން ފުރުސަތު އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެހާ ކުޑަ އާބާދީއަކަށްވާ އިރު ވެސް ރަށުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އެބަދާ ކަމަށެވެ. އެގޮތުން ރަށުގައި ތިން ބުރީގެ އިންޖީނުގެ އަކާއި ސްކޫލުގައި ދެ ބުރީގެ މަލްޓި ޕާޕަސް ހޯލެއް ވެސް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިއީ މީގެ ކުރިން ރަށުގައި ނުހިންގާ ވަރުގެ މަޝްރޫއުތައް،" އޭނާ ވިދާޅުވި އެވެ.
ރައީސް އަބަދު ވެސް ދައްކަވަމުން ގެންދެވީ، ކުދި ރަށްރަށް ވެސް އެއީ ހަމަ ދިވެހި ރައްޔިތުން ދިރިއުޅޭ ރަށްރަށް ކަމެވެ. ސިޔާސީ ގޮތުން ބަލާއިރު ވެސް، އެއީ ވެސް ހަމަ ވޯޓެވެ. އެންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލު ވެދާނެ ކަން އެއީ، ވޯޓުގެ ހަގީގަތެވެ. ނަޝީދުގެ ނާކާމިޔާބާއި ރައީސްގެ ކާމިޔާބު މިފަހަރު ގުޅިފައި އޮތީ، ކުދި ރަށްރަށާ ކަން އެއީ ވެސް ހަގީގަތެވެ.