ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކު ގަަދަކަމުން މަޖިލީހަށް ވެންނެވި މައްސަލައާ ގުޅިގެން އުފުލި ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރު، ދިފާއެއްގެ ގޮތުގައި މެމްބަރުން ފަރާތުން ކޯޓުގައި ފާހަގަ ކުރުމުން އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މަޖިލީހަށް ވަނުން ސަލާމަތީ ޚިދުމަތްތަކުން މަނާކޮށްފައި އޮއްވައި، މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުންތަކެއް ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށެވެ.
މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މިއީ، މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާކުރާ ފުރަތަމަ ފަހަރެވެ.
މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ހަމަޖެއްސީ ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މެމްބަރުންނާ ގުޅޭ ބައެއް އޮތުމުން އެކަން ދިފާއެއްގެ ގޮތުގައި ފާހަގަ ކުރުމުންނާއި މެމްބަރުންނަށް ލިބުނު ލިޔުންތަކުގައި ބައެއް މައްސަލަތައް ހުރިކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ބައި އިޖްރާއީ ނުކުތާއެއްގެ ގޮތުގައި ނެންގެވީ މެމްބަރު ވައްޑެ އެވެ. އޭނާ ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ޖިނާއީ ދައުވާ އުފުލާފައިވާ ކަން ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައި އެބައޮތް ކަމަށާއި އެހެންވެ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރުގެ އެއްވެސް ބައެއް އެ ކޯޓުން ފަހުން ބާތިލް ކޮށްފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން ވައްޑެ ވިދާޅުވީ އެ އަމުރުގެ ބައެއް ބައިތައް ބާތިލް ކުރިޔަސް، މެމްބަރުންނާ ގުޅޭ ބައި މިހާތަނަށް ވެސް ބާތިލް ކޮށްފައި ނެތް ކަމަށެވެ. އަދި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބަޔަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް އޮތަސް، އެއީ އެ ބައި ބާތިލްކުރީ ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށް ވައްޑެ ވިދާޅުވި އެވެ.
އެ ނުކުތާއާ ގުޅިގެން ދައުލަތުން އެދުނީ އެކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެ، އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ފުރުސަތު ގާޒީ އާރިފް ވަނީ ދައުލަތަށް ދެއްވައިފަ އެވެ.
ވައްޑެ އެ ނުކުތާ ފާހަގަ ކުރެއްވި ފަހުން ދިފާއީ ވަކީލުން ވަނީ ދައުވާލިބޭ ފަރާތްތަކަށް ދިން ލިޔުންތަކާ ދައުލަތުގެ ވަކީލުން ގެންގުޅޭ ލިޔުންތަކުގައި ދިމާނުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަން ފާހަގަކޮށްފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ބައެއް ހެކިންގެ ނަންތައް ދައުވާލިބޭ ފަރާތްތަކަށް ދޫކުރި ލިޔުންތަކުގައި ނެތް ކަން ވަކީލުން ފާހަގަކުރި އެވެ.
އެކަން ވަކީލުން ފާހަގަ ކުރެއްވުމުން ގާޒީ އާއި ދައުލަތުގެ ވަކީލުން ވެސް އެ ލިޔުންތައް ބެލިއިރު ބައެއް މައުލޫމާތު މަދު ކަމަށް ފާހަގަ ކުރެވުމުން ދިފާއީ ވަކީލުން ވަނީ އެ ދައުވާ ބޭރުކޮށްލަން ޖެހޭ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ.
ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ސިއްރު ލިޔުންތައް ނެތް ނަމަ މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތާއި ތަފްސީލުތައް ދައުވާ ލިބޭ ފަރާތަށް ދޭން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާއިރު އެކަން އެ މައްސަލައިގައި ފުރިހަމަވެފައި ނެތް ކަމަށެވެ. ލިޔުންތައް ހަމަ ކުރަންޖެހޭނީ ޝަރީއަތުގެ މަޖިލީހުގައި ނޫން ކަމަށާއި ކޯޓަށް ފޮނުވާއިރު ވެސް އެކަން ފުރިހަމަ ވެފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ހިސާން އެދިވަޑައިގަތީ އެ ދައުވާ ބޭރުކޮށްލުމަށެވެ.
އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. މިހާރު ކުރިއަށް ގެންދަނީ އެ މައްސަލާގެ އިބްތިދާއީ މަރުހަލާކަން ފާހަގަކޮށް، ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގެ ބޭނުމަކީ ލިޔުންތައް ހަމަވެފައި އޮތްތޯ ކަށަވަރު ކުރުން ކަަމަށެވެ. އަދި ލިޔުންތަކުގައި ދައުލަތުން ހުށަހަޅާ ބައެއް ހެކި ހިމަނާފައި ހުއްޓަސް، ހެކި ހާމަ ކުރުމަކީ ވަކި މަރުހަލާއެއް ކަމަށްވާތީ ލިޔުންތަކުގެ މައްސަލާގައި ދައުވާ ބޭރުކޮށްލަން ދައުލަތުން ދެކޮޅު ހެދި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އާރިފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭގޮތުން ފާހަގަކުރި ނުކުތާއަށް ދައުލަތުން އަންނަ އަންގާރަ ދުވަހު ޖަވާބުދާރީވުމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ދިފާއީ ވަކީލުން ބޭނުންވި ސިޓީއެއް ހުށަހަޅަން ދައުލަތަށް އެންގި
މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އެދި މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީ އެ މިނިސްޓްރީއަށް ލިބުނު ވަގުތު ސާފުކުރަން މެމްބަރުންގެ ފަރާތުން ކުރިން އޮތީ އެދިފަ އެވެ.
އެކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ދައުލަތުން ވަނީ ސިޓީއެއް މިއަދު ކޯޓަށް ހުށަހަޅައިފަ އެވެ. އެ ސިޓީއާ ހަވާލާދީ ދައުލަތުން ބުނި ގޮތުގައި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އެދި މަޖިލީހުުގެ އިދާރާއިން ޑިފެންސް މިނިސްޓްރީއަށް ސިޓީ ފޮނުވީ މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި ދުވަހުގެ ހެނދުނު 10:30 ގަ އެވެ.
އެގޮތަށް މަޖިލީހުގެ އިދާރާއިން ޑިފެންސް މިނިސްޓްރީގައި އެދުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ފުލުހުންގެ ކިބައިން ސިފައިން ރަސްމީކޮށް އެހީއަށް އެދުނީ ޖެހިގެން އައި ދުވަހު ކަމަށާއި އެކަމަކު އޭގެކުރިން ވެސް ފޯނު މެދުވެރިކޮށް އެހީއަށް އެދިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނިގޮތުގައި އެކަމުގައި އެހީތެރިކަން ފޯރުކޮށް ދޭން ފޯނުން އެދުނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމަށް ގުޅުއްވައިގެންނެވެ.
މަޖިލީހުުގެ އިދާރާއިން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީ އެ މިނިސްޓްރީއަށް ލިބުނު ވަގުތު ބަޔާންކޮށް، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީ ދައުލަތުން ޝަރީއަތަށް ހުށަހެޅިޔަސް، ދިފާއީ ވަކީލުން ވަނީ މަޖިލީހުގެ އިދާރާއިން ޑިފެންސް މިނިސްޓްރީއަށް ފޮނުވި އަސްލު ސިޓީ ބޭނުންވާ ކަމަށް ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަކީލް ހިސާން ވިދާޅުވީ މަޖިލީހުގެ ސިޓީ މިނިސްޓްރީއަށް ލިބުނު ވަގުތު ކަށަވަރު ކުރެވޭނީ އެ ސިޓީ ލިބުނު ކަމަށް ޖަހާ އެންޓްރީ ތަތްގަނޑަށް ބަލައިގެން ކަމަށް ވުމެވެ. މަޖިލީހުގެ ސިޓީ ލިބުނީ ވަކި ވަގުތެއްގައި ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަކި ސިޓީއެއް ފޮނުވިޔަސް، އެކަން ގަބޫލުކުރަން ދަތިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލުން ބުނީ އެ ސިޓީ ހޯދުމަށް ފަހު ދެވޭނީ ޕީޖީ އޮފީހުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ގާޒީ އާރިފް އެންގެވީ ދިފާއީ ވަކީލުން އެދުނު ގޮތަށް، މަޖިލީހުގެ ސިޓީ މިނިސްޓްރީއަށް ލިބުނު ވަގުތު އެނގޭނެހެން އެންޓްރީ ތަތްގަނޑު ހިމެނޭ ސިޓީ ހޯދުމަށް ފަހު ހުށަހެޅުމަށެވެ.
ދައުވާ ސާފުނުވާ ކަމަށް ބުނެ ވަކީލުންގެ ސުވާލުތަކެއް
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ އެ ދައުވާ ސާފު ނުވާ ކަމަށް ބުނެ ބައެއް ސުވާލުތައް ދައުލަތާ ކުރިމަތިކޮށްފަ އެވެ. އެގޮތުން މެމްބަރުން މަޖިލީހަށް ވަން ދުވަހުގެ މަޖިލީހުގެ އިދާރާއަށް އެއްވެސް މެމްބަރަކަށް ނުވަދެވޭނެ ކަން މެމްބަރުންނަށް އަންގާފައިވޭތޯ ވަކީލުން ސުވާލުކުރި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ ދައުވާކުރަނީ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީ ނޫން ކަމަށާއި އެ ދައުވާ ކުރަނީ މަޖިލިސް ވަށައިގެންވާ ސަރަހައްދު ބަންދު ކޮށްފައި ވަނިކޮށް، އެ ސަރަހައްދަށް ވަދެފައިވާތީ ކަމަށެވެ. އަދި އެ ދައުވާ ކުރަނީ ވެސް ކޮންމެހެން މެމްބަރުންތަކެއް އެ އަމަލު ހިންގައިގެން ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެގޮތަށް ބުނުމުން، ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ ދައުވާ ކުރަނީ މަޖިލީހަށް ވަދެގެން ނޫން ކަމަށް ދައުލަތުން ބުނާއިރު، މަޖިލިސް ވަށައިގެންވާ ސަރަހައްދު ބަންދު ކުރުމަކީ މަޖިލީހަށް ވަނުން މަނާ ކުރީ ކަމަށް ނުވަނީތޯ ސުވާލު އުފެދޭ ކަމަށެވެ. މަޖިލީހަށް ވަނުން މަނާ ނުކުރިޔަސް، މަޖިލިސް ވަށައިގެންވާ ސަރަހައްދު ބަންދު ކުރުމަކީ ހުއްދަ ކަމެއް މަނާ ކުރުން ނޫންތޯ ވިދާޅުވެ، އޭނާ ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ މަޖިލިސް ވަށައިގެންވާ ސަރަހައްދު ބަންދުކުރީ މަޖިލީހުުގެ ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުން އެދިގެން ކަމަށާއި އެދުވަހު އެ ސަރަހައްދަށް ވަދެވޭނީ ހަަމައެކަނި މުވައްޒަފުންނަށް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ދައުވާ ކުރަނީ ހުއްދަ ކަމެއް ކޮށްގެން ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މެމްބަރުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް، މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.