ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި، އިދިކޮޅު 12 މެމްބަރަކަށް ކުރާ ދައުވާގައި އެއް ބޭފުޅަކަށް ވަކީލަކު ހަމަނުޖެއްސޭތީ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކުރިއަށް އިތުރަށް ނުގެންގޮސް، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
މިދިޔަ ޖުލައި މަހު މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި ދައުލަތުން ދައުވާކުރާ ބޭފުޅުންގެ ތެރޭގައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން ބޭފުޅަކު ވެސް ހިމެނެ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
އެ މައްސަލާގައި ދެން ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް(ރުކުމާ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްޗަށެވެ.
ދައުވާލިބޭ ބޭފުޅުންގެ ތެރެއިން މިއަދުގެ އަޑުއެހުމާ ހަމައަށް ވަކީލަކު ހަމަނުޖެހި ހުންނެވީ އަލީ ހުސައިން އެކަންޏެވެ. ވަކީލަކު ހަމަނުޖެހޭ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ މައްސަލާގައި އޭނާ އިހްތިޔާރް ކުރި ވަކީލް ސަސްޕެންޝަންގައި ހުރުމެވެ. އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށް އަލީ ހުސައިން އެދިވަޑައިގަތުމުން، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.
ހުރިހާ ބޭފުޅުންގެ ބައި އެއްކޮށް ކުރިއަށް ގެންދާ އެ ޝަރީއަތުގައި އަލީ ހުސައިނަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ގާޒީ ދެއްވުމުން ދެން ތިއްބެވި 11 ބޭފުޅުންގެ ފަރާތުން އެދުނީ އަލީ ހުސައިނަށް ވަކީލަކު ހަމަޖެހުމުން އެންމެންގެ ބައި އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، ގާޒީ އާރިފް ނިންމެވީ އަލީ ހުސައިނަށް ދިން ފުރުސަތަށް ފަހު އެންމެންގެ ބައި އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
ގާޒީ ވިދާޅުވީ އެެގޮތަށް ނިންމެވީ 11 ބޭފުޅުން އެގޮތަށް އެދިވަޑައިގަތުމުން ކަމަށާއި އެހެންވެ ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް ދިން މުއްދަތުގައި ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެ މީހަކު އިހްތިޔާރު ކުރާ ވަކީލަކު ބޭނުން ކުރުމުގެ ފުރުސަތު ގާނޫނު އަސާސީން ދީފައި އޮތަސް އެކަމުގައި ގާނޫނީ ހުރަސްތަކެއް ހުރެދާނެކަން ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކޯޓުގައި ވަކާލާތު ކުރެވޭނެ ވަކީލެއް ހޯދަން ގާޒީ އިލްތިމާސް ކުރެއްވި އެވެ.
"އަލީ ހުސައިނަށްޓަކައި ދެން ތިއްބެވި 11 ބޭފުޅުން އެގޮތަށް އެދިވަޑައިގަތީ. އެހެންވީމަ އެ ބޭފުޅުންގެ ހައްގުތަކާ މެދު ވިސްނައި ވަޑައިގެން، މިދެންނެވި މުއްދަތުގައި ވަކީލަކު ހަމަޖެއްސުމުގެ ކަންތައް ކުރިއަށް ގެންދަން އަލީ ހުސައިނަށް އިލްތިމާސް ކުރަން،" ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާރިފް ވިދާޅުވި އެވެ.
މީގެ އިތުރުން 11 މެމްބަރުންގެ ވަކީލެއްގެ ގޮތުގައި ހުންނެވި ހިސާން ހުސައިން ޗުއްޓީއަކަށް އެދިވަޑައިގެންފައިވާތީ ގާޒީ އާރިފް ވަނީ ހިސާން އެދިވަޑައިގަތް މުއްދަތަށް ޗުއްޓީ ވެސް ދެއްވައިފަ އެވެ. ދެން އޮންނަ އަޑުއެހުން ބާއްވާނީ އެ މުއްދަތަށް ފަހު، އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.
ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް ދިނީ ފަސް ދުވަސް ކަމަށްވިޔަސް، ދެން އޮންނަ އަޑުއެހުމާ ހަމައަށް އެ ފުރުސަތު އަލީ ހުސައިނަށް އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދައުވާއާ ގުޅިގެން، މެމްބަރު ރިޔާޒްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އޭނާ ވަނީ އަނބިކަނބަލުންގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް އެދި ސިޓީ ވެސް ކޯޓަށް ފޮނުއްވާފައި ވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ޖަވާބުގައި ގާޒީ އާރިފް ވިދާޅުވީ ރިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން އެކަން ކޯޓުގެ ސަމާލު ކަމަށް ގެނައުމުން ކަމަށެވެ. އެކަމަކު ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް އެގޮތަށް ފުރައިގެން ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރިޔާޒް ވިދާޅުވީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދާން ނޫޅޭ ކަމަށާއި ޕާސްޕޯޓް ހިފެހެއްޓިކަން އެންގީ ވެސް ފުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅި ފަހުން ކަމަށެވެ. ފިލައިގެން ދާން އުޅޭ ނަމަ، ފުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒްގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ ޕާސްޕޯޓް ދޫކުރުމާ މެދު ގޮތެއް ނިންމުމަށް ފަހު އެކަން ރިޔާޒަށް ކޯޓުން އަންގާނެ ކަމަށެވެ.
މަޖިހީލަށް ވަން މައްސަލާގައި މެމްބަރުންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.