އުމުރުން ނުވަ އަހަރުގައި ހަސަން އަލްޝަން މަރުވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަލްޝަންގެ ކޮއްކޮ އާދަމް ވިޔާމްގެ ސިއްހީ މައްސަލަތައް ފެށުނީ އޭގެ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. ސަބަބު ހޯދަން އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުވާން ދެ އަހަރު ނެގި އެވެ. އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ ގިނަ ދުވަސްތަކެއް ވީ ފަހުން ޑޮކްޓަރުން ލަފާ ދިން ގޮތަށް ތެލެސީމިއާ ޓެސްޓުކުރި އިރު ވިޔާމްއަކީ ސިކްލް ސެލް ހުންނަ ކުއްޖެކެވެ.
ހަށިގަނޑުން ލޭ މަދުވާ މި ބަލި ވިޔާމް އަށް ޖެހިފައިވާ ކަން އެނގުމުން އޭނާގެ ބައްޕަ ވެސް ޓެސްޓްކުރި އެވެ. ނަތީޖާ ދެއްކީ ބައްޕައަކީ ސިކްލް ސެލް ކެރިއަރެއް ކަމަށެވެ. ވިޔާމްގެ މަންމައަކީ ތެލެސީމިއާ ބީޓާ ކެރިއަރެއްކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. ސިކްލް ސެލް ހުންނަ ކުއްޖަކަށް ވިޔާމް ވީ ސަބަބަކީ މި އެވެ.
ސިކްލް ސެލް ބަލި ޖެހޭ ހަމައެކަނި ގޮތަކީ މައިންބަފައިންގެ ފަރާތުން ވާރުތަކުރުމެވެ. އެފަދަ ކުދިން އުފަންވަނީ ވެސް ބައްޔާ އެކުގަ އެވެ. އެކަމަކު ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ އުމުރުގެ އެކި ހިސާބުތަކުގަ އެވެ.
ތެލެސީމިއާ ނޫނަސް ލޭގެ ބަލިތައް ހުރެ އެވެ. ސިކްލް ސެލްއަކީ އެފަދަ ބައްޔެކެވެ. މި ބަލީގެ އެންމެ ނުރައްކާތެރި ވައްތަރަކީ ސިކްލް ސެލް އެނީމިއާ އެވެ. އޭގެ އިތުރުން ސިކްލް އާއި ތެލެސީމިއާ އެއްވެފައި ހުންނަ ވައްތަރުތަކެއް ވެސް ހުރެ އެވެ. ރާއްޖޭގައި ގިނައީ ސިކްލް ބީޓާ ޕްލަސް ތެލެސީމިއާ އެވެ. ވިޔާމްގެ ބައްޔަކީ ވެސް އެއީ އެވެ. އަދި އޭނާގެ ކޮއްކޮ އަލްޝަން މަރުވީ ވެސް ސިކްލް ސެލްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އާއިލާ އިން ލަފާކުރެ އެވެ. މި އާއިލާ ނިސްބަތްވަނީ، މާލެ ފިޔަވައި، ރާއްޖޭގައި ސިކްލް ސެލްގެ މީހުން ނިސްބަތުން އެންމެ ގިނަ ކަމަށް ރެކޯޑްކުރެވިފައިވާ އއ. ތޮއްޑުއަށެވެ.
"ކުޑަކޮށް ބަލިވެލާފައި އުޅެފައި ކުއްލިއަކަށް އެއް ރޭ ސީރިއަސް ވެފައި (އަލްޝަން) ނިޔާވީ،" ދެ ކުދިންގެ ބޭބެ އާދަމް ވިޖުދާން ކިޔައިދިނެވެ.
"ކީއްވެގެން ކަމެއް ނޭނގޭ. އެކަމަކު މިހާރު އަޅުގަނޑުމެންނަށް ވިސްނޭގޮތުގައި އެކަށީގެންވޭ، ސިކްލް ސެލް އަށް ވުން ވެސް."
"މަދުން ރަޖިސްޓްރީކޮށްފައި ތިބި ކަމުގައި ވިޔަސް ރާއްޖޭގައި ސިކްލް ސެލް އުޅޭކަން އަދި ވަކި ސަރަހައްދުތަކެއްގައި ސިކްލް ސެލް ކެރިއަރުން ގިނަކަން އެބަ ފާހަގަކުރެވޭ. އަދި ލޭގެ އެހެން ބަލިތައް ހުންނަ މީހުންނާ ސިކްލް ސެލް ކެރިއަރުން ގުޅުނީމަ ލޭ އަޅާ ކުއްޖެއް ނުވަތަ ބަލީގެ އަލާމާތްތައް ހުންނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑުކަން ވެސް އެބަ އެނގޭ."
ސިކްލް ސެލްއަކީ ކޮބާ؟
އާއްމު ގޮތެއްގައި ލޭގެ ރަތް ސެލްތައް ހުންނަނީ ވަށްކޮށް ކަމަށް ވިޔަސް ސިކްލް ސެލް ބަލީގެ މީހުންގެ ރަތް ސެލްތައް ހުންނަނީ "ކުރާކަނޑާ ވަޅި" ނުވަތަ "ރާ ވަޅީ"ގެ ބައްޓަމަށް ބަދަލުވެފަ އެވެ. ތެލެސީމިއާއެކޭ އެއްގޮތަށް ސިކްލް ސެލްއަކީ ވެސް ލޭގެ އުނިކަމެކެވެ. އަދި މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ކަމެކެވެ.
ސިކްލް ސެލްގެ އެކި ވައްތަރުތައް ތަފާތެވެ. އަދި އެކި މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އެކި ވަރަށެވެ. ހުޅުހުޅު ދުޅަވުމާއި ވަރަށް ވޭންދެނިވި ތަދު އިހުސާސްކުރަން ޖެހެ އެވެ. ހިމަ ލޭހޮޅިތަކުގައި ސެލްތައް ތާށިވެ ލޭ ދައުރުކުރުން ހުއްޓެ އެވެ. އެ ހާލަތުގައި ބަލިމީހާ އެ ދަނީ "ސިކްލް ކްރައިސިސް" އަކަށެވެ. ފުރާނަ އަށް ވެސް ނުރައްކާވެދާނެ އެވެ.
ތަކުރާރުކޮށް މި ގޮތަށް ދިމާވާ މީހުންނަށް ކަށީގެ ބަލިތަކާއި ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ހުންކޮށި (ސްޕްލީން) ހަލާކުވެ ހަށިގަނޑު ދިފާއީ ނިޒާމް ބަލިކަށިވުމުގެ ސަބަބުން އިންފެކްޝަންތައް ޖެހި ބަލި އިތުރަށް ގޯސްވެ އެވެ.
ސިކްލް ސެލްއަކީ މުޅިން ރަނގަޅުކުރެވޭ ބައްޔެއް ނޫނެވެ. އެކަމަކު އެ ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ފަރުވާކުރެވެ އެވެ. އެއީ ލޭ މަދުވުމުން ލޭ އެޅުމާއި އެންޓިބަޔޮޓިކްސް ބޭނުންކުރުން ފަދަ ކަންކަމެވެ. މި ބަލީގެ މީހުން ރަނގަޅު ސިއްހަތެއްގައި ތިބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަން ޖެހެ އެވެ. އާއްމުކޮށް ޖަހާ ވެކްސިންތަކުގެ އިތުރުން ބައެއް ވެކްސިންތައް ޖެހުން ވެސް އެ މީހުންނަށް މުހިއްމުވެ އެވެ.
އަދަދު މަދަސް ނުރައްކާ ބޮޑު
ރާއްޖޭގެ އާބާދީގެ 16.2 ޕަސެންޓަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ. އެކަމަކު ސިކްލް ސެލް ކެރިއަރުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އިން މުޅި ރާއްޖޭގައި ހިންގި ތެލެސީމިއާ ސްކްރީނިން ޕްރޮގްރާމުން އެނގިފައިވާ ގޮތުގައި ސިކްލް ސެލް ކެރިއަރުންގެ އާބާދީއަކީ 0.14 ޕަސެންޓެވެ.
އެކަމަކު އަދަދު ކިތަންމެ މަދަސް، މިފަދަ މީހުން ތެލެސީމިއާ ކެރިއަރުންނާއި އަދި އެ ނޫން ވެސް ލޭގެ ބަލިތަކުގެ ކެރިއަރުންނާ ގުޅުމުން ބަލީގެ އަސަރު ހުންނަ ކުދިން ލިބުމުގެ ފުރުސަތު އޮވެ އެވެ. ސިކްލް ސެލްއާ މެދު ކަންބޮޑުވާން ޖެހޭ މައިގަނޑު ސަބަބަކީ މި އެވެ.
ހަތްދިހަ ހާސް މީހުން ޓެސްޓްކުރި ޝީގެ ދިރާސާގައި، ތެލެސީމީއާ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެނުނެވެ. އެކަމަކު ސިކްލް ސެލްގެ މީހުން ފެނުނީ ހަމައެކަނި ވަކި ހިސާބުތަކަކުންނެވެ. ތޮއްޑޫގެ އިތުރުން މި ބަލި ނިސްބަތުން އެންމެ ގިނައީ ގއ. ނިލަންދޫ، ގއ. ދިޔަދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ. ސިކްލް ސެލް ހުންނަ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ރަޖިސްޓްރީކޮށްފައި ވަނީ 16 ކުދިން ނުވަތަ މީހުންނެވެ. އޭގެ ތެރެއިން ހަތަރު ކުއްޖަކު މިހާރު ވަނީ މަރުވެފަ އެވެ. ރަޖިސްޓްރީކޮށްފައިވާ އެންމެން ދިރިއުޅެނީ މާލެ ނުވަތަ ތޮއްޑޫގަ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިކްލް ސެލް ދުވަހުގެ މުނާސަބަތުގައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ފާހަގަކުރާ އެއް ކަމަކީ، ސިކްލް ސެލްގެ މީހުން ގިނަ ސަރަހައްދުތަކުގެ ތެރެއިން، ތޮއްޑޫ ފިޔަވައި އެއްވެސް ރަށަކުން ބަލީގެ އަލާމާތް ހުންނަ ކުއްޖަކު ނުވަތަ މީހަކު ރަޖިސްޓްރީކޮށްފައި ނެތުމެވެ.
"ޝީގެ ސްކްރީނިން އިން ދައްކާ ގޮތުން ސިކްލް ސެލް ކެރިއަރުން ގިނަ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގައި ތެލެސީމިއާ ކެރިއަރުން ވެސް ވަރަށް ގިނަ. އެހެންވީމާ ސިކްލް ސެލް ހުންނަ ކުދިން އުފަންވުމުގެ ފުރުސަތު ބޮޑު،" ތެލެސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އައިޝަތު ޝިފްނީޒް ޝާކިރު ވިދާޅުވި އެވެ.
"އެހެންވީމާ ސްކްރީންކުރުން ވަރަށް މުހިއްމު. ހާއްސަކޮށް މި ސަރަހައްދުތަކުގައި އުޅޭ މީހުން. އޭގެ އިތުރުން ރަޖިސްޓްރީކުރުން ވެސް ވަރަށް މުހިއްމު. އޭރުން، ފަރުވާ ހޯދަން ހަދަންވީ ގޮތް ފަސޭހަ އިން އެނގޭނެ." އެކަމަކު ތެލެސީމިއާ އާއި ސިކްލް ސެލް ފަދަ ލޭގެ ބަލިތަކުގެ މީހުންނަށް ފަރުވާދޭނެ ހާއްސަ ޑޮކްޓަރަކު ރާއްޖޭގައި ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޝިފްނީޒް ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި ލޭގެ ބަލިތައް ގިނަ ކަމަށް ފާހަގަކުރެވޭ އިރު ވެސް ހިމަޓޮލޮޖިސްޓެއް ނެތް، ފަރުވާދިނުމުގައި ލަފާދީ އެކަންކަން ބަލަހައްޓާނެ ހާއްސަ ޑޮކްޓަރެއް ނެތް. އެމްބީއެސްގައި ރަޖިސްޓްރީ ވިޔަސް ފަރުވާ ހޯދަން ދާން މި ޖެހެނީ މަލްޓި ސްޕެޝަލިޓީ ހިދުމަތް ދޭ ތަނަކަށް. އެއީ އައިޖީއެމްއެޗް ނުވަތަ އޭޑީކޭ،" އޭނާ ވިދާޅުވި އެވެ.
"ސިކްލް ކްރައިސިސްގެ ސަބަބުން ގުނަވަންތައް ހަލާކުވުން، ސްޓްރޯކް ކަހަލަ ބޮޑެތި މައްސަލަތައް އެބަ ދިމާވޭ. އެ ކަންކަމާ އެންމެ ރަނގަޅަށް އަޅާލެވެން އެބަ ޖެހޭ. އެހެންވީމާ ރާއްޖޭގެ ސިއްހީ ދާއިރާ ވެސް ހޭލުންތެރިވާން ޖެހޭ މި ކަމަށް. މި ކުދިންނަށް ލިބެން ޖެހޭ ފަރުވާ އެންމެ ރަނގަޅުގޮތުގައި ލިބިއްޖެއްޔާ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ. އެކަމަށް ސަރުކާރުން ވެސް އަދި ބެލެނިވެރިން ވެސް ވިސްނަން ޖެހޭ."
ތެލެސީމިއާ ސޮސައިޓީން ފާހަގަކުރާ ގޮތުގައި ކައިވެނިކުރުމުގެ ކުރިން ޓެސްޓްކޮށް ބައިވެރިޔަކު އިޚްތިޔާރުކުރާ އިރު ސަމާލުވުން މުހިއްމެވެ. ސިކްލް ސެލް ފަދަ ބަލިތައް ހުންނަ ކުދިން އުފަންވާ މިންވަރު މަދުކުރެވޭނީ އޭރުންނެވެ. ރާއްޖޭގައި އެ ޓެސްޓް ހަދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ޝީ އިންނެވެ.
"މަދުން ރަޖިސްޓްރީކޮށްފައި ތިބި ކަމުގައި ވިޔަސް ރާއްޖޭގައި ސިކްލް ސެލް އުޅޭކަން އަދި ވަކި ސަރަހައްދުތަކެއްގައި ސިކްލް ސެލް ކެރިއަރުން ގިނަކަން އެބަ ފާހަގަކުރެވޭ. އަދި ލޭގެ އެހެން ބަލިތައް ހުންނަ މީހުންނާ ސިކްލް ސެލް ކެރިއަރުން ގުޅުނީމަ ލޭ އަޅާ ކުއްޖެއް ނުވަތަ ބަލީގެ އަލާމާތްތައް ހުންނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑުކަން ވެސް އެބަ އެނގޭ،" ޝިފްނީޒް ވިދާޅުވި އެވެ.
އެފަދަ އެއް ކުއްޖަކީ ވިޔާމް އެވެ.
"ކޮއްކޮގެ އުމުރުން އަށް އަހަރުގައި މައްސަލަތައް ދިމާވާން ފެށީ. ގައިގައި ރިއްސުމާއި މާ ބޮޑަށް ވަރުބަލިވުމާ، ގައިގެ އެކި ތަންތަން ނޫފައިގަތުން، ހުޅުހުޅުގައި ރިއްސުން ކަހަލަ ކަންތައްތައް ވަނީ،" ވިޖުދާން ބުންޏެވެ.
"އޭރު ހަމަ ވާއެއް ނުވާއެއް ނޭނގިގެން އުޅެން ޖެހުނީ. އުމުރުން ދިހަ އަހަރުގައި އެނގުނީ ސިކްލް ސެލް ހުންނަ ކަން. އެ އުމުރުގައި ތެލެސީމިއާ ޓެސްޓެއް ވެސް ނުކުރާނެތާ. މިހާރު ފަރުވާ ހޯދަމުން ދަނީ. ކޮންމެ ތިން މަހަކުން އެއްފަހަރު މާލެ ގެންގޮސް ޗެކަޕް ހައްދަން ވެސް ޖެހޭ."
މި ކަމުން ސަލާމަތްވުމުގެ ފުރަތަމަ ފިޔަވަޅަކީ ލޭގެ ބަލިތަކަށް އެންމެން ވެސް ސްކްރީންކުރުމެވެ. ކުޑަކުދިން ވެސް ހިމެނޭ ގޮތަށެވެ.