ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގައި ގައުމުތަކުން ހަކަތަ ދުއްވާލާއިރު ރާއްޖޭގައި މަންޒަރު ތަފާތެވެ. ފަސޭހަކަމާ އެކު ރައްކާތެރިކަން ހޯދޭނެ ސިއްހީ އެތައް މައްސަލައެއް ދުވަހުން ދުވަހަށް ބޮޑުވަމުން ދާއިރު ތެލަސީމިއާ އަކީ އެ ލިސްޓުގައި ބޮޑުކޮށް އޮތް ނަމެކެވެ.  ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު ވުޖޫދުވިތާ 14 އަހަރުވަނީ އެވެ. އެކަމަކު ކޮންޓްރޯލް ނެތެވެ. އަނެއްކާވެސް ދައްކަންޖެހިފައިވަނީ މުޅި އުމުރަށް ލޭ އަޅަންޖެހޭ ހާލަތު ކުދިންނަށް ދިމާވީ މި މައްސަލަ ހައްލުކުރަން ދެން ކުރެވޭނެ ކަމަކާ މެދުގަ އެވެ.

އިޖުތިމާއީ މައްސަލަތަށް ސަމާލުކަމަށް ގެނައުމުގައި އަޑު އުފުއްލަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގަބޫލުކުރައްވާ ގޮތުގައި ތެލެސީމިއާގެ ހާލަތު ދަށްކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ ދެ މީހަކު ނުވަތަ ދެ ކެރިއަރުން ކައިވެނިކުރުމުން، ލޭ އަޅަންޖެހޭ ކުއްޖަކު ނުވަތަ ތެލަސީމިއާ މޭޖާ ކުއްޖަކު އުފަންވުމަށް އޮންނަ ފުރުސަތަށެވެ.  

ތެލަސީމިއާ މޭޖާ ކުއްޖަކު ލިބޭނީ ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ ދެ މީހަކަށެވެ. އޭގެ ދެ މީހަކަށް ނަމަ، ބަލިވެ އިންނަ ކޮންމެ ފަހަރު، ތެލަސީމިއާ ކުއްޖަކު އުފަންވުމަށް 25 ޕަސެންޓް ޗާންސް އޮވެ އެވެ. އަދި ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ ދަރިއަކު އުފަންވުމަށް 50 ޕަސެންޓް ޗާންސް އޮވެ އެވެ. 

"ދެ ކެރިއަރުން ކައިވެނިކުރުމާ މެދު ގޮތްތަކެއް ނިންމަންޖެހޭ ކަމަށް ގަބޫލުކުރަނީ." ކުޑޫ ވިދާޅުވި އެވެ.

ތެލަސީމިއާ ކެރިއަކުން ކައިވެނިކުރުން މަނާކުރުމާ ބެހޭ ބަހުސެއް މި ހިސާބުން އަނެއްކާވެސް ފެށުނީ އެވެ. އެންމެ ފަހުން 2024 ވަނަ އަހަރު އާންމުކުރި ހިސާބުތަކުން ވެސް އެނގޭ ގޮތުގައި އެ އަހަރު އެކަނި ވެސް ތެލަސީމިއާ ދަފްތަރުގައި 13 ކުއްޖަކު އަލަށް ރަޖިސްޓްރީކުރި އެވެ. އޭގެ ކުރީ އަހަރު 10 ކުދިން އަދި 2022 ވަނަ އަހަރު 16 ކުއްޖަކު އިތުރުވި އެވެ. 

  • ފާއިތުވި 14 އަހަރުގެ ތެރޭގައި، ތެލެސީމިއާ ދަފްތަރުގައި އެންމެ ގިނަ ކުދިން ރަޖިސްޓްރީވީ 2011 ވަނަ އަހަރު، އެއީ 31 ކުދިން 
  • ދެން އެންމެ ގިނަވި 2014 ވަނަ އަހަރު 27 ކުދިން ރަޖިސްޓްރީވި.
  • ތެލެސީމިއާ ދަފްތަރުގައި އެންމެ މަދުން ރަޖިސްޓްރީ ކުރީ 2020 ވަނަ އަހަރު، އެއީ ފަސް ކުދިން

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު ފުރަތަމަ ވުޖޫދަށް ގެނައުމުގެ މަޝްވަރާތަކުގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި، އޭރު ކުރި މަޝްވަރާގާއި ވެސް، ދެ ކެރިއަރުން ކައިވެނިކުރުން މަނާކުރުމުގެ ބަހުސްތައް ހިނގި އެވެ. ނަމަވެސް، ބައެއްގެ ހައްގުތަކާއި ދީނާ ގުޅިފައިވާ ކަމަކަށް ވުމުން، އެ ވާހަކަތައް ވަކި ހިސާބަކުން ހިނދުނީ އެވެ.

އެހެންވެ، 2012 ގައި އެ ގާނޫނު ފާސްކުރީ، ސްކޫލުގައި ތެލެސީމިއާއަށް ޓެސްޓުކޮށް އެކަމަށް މީހުން ހޭލުންތެރިކަމަށް ބާރުއަޅައިފަ އެވެ. އޭގެ ފަހުން، ކޯޓުތަކުން ވަނީ ކައިވެނި ފޯމު ހުށަހަޅާއިރު ތެލެސީމިއާ ޓެސްޓުގެ ކާޑު ހުށަހަޅަންޖެހޭ ގޮތަށް ބަދަލުތައް ގެނެސްފަ އެވެ. 

އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ އެކަން އިތުރަށް ހަރުކަށިކޮށްފަ އެވެ.

މީހެއްގެ ގަޔަށް ލޭ އަޅަން ބްލަޑް ބޭގް ބަހައްޓަނީ: ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ތެލެސީމިއާ ކެރިއަރުންގެ އަދަދު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފޮޓޯ: މިހާރު
މީހެއްގެ ގަޔަށް ލޭ އަޅަން ބްލަޑް ބޭގް ބަހައްޓަނީ: ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ތެލެސީމިއާ ކެރިއަރުންގެ އަދަދު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފޮޓޯ: މިހާރު

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިކުރަން ޖެހޭ ގޮތަށް ލާޒިމްކޮށްފަ އެވެ. މިދިޔަ އޮގަސްޓު މަހު މަޖިލީހުން ފާސްކުރިއަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭރުން ފެށިގެން އިޖުތިމާއީ ކޮމެޓީން އަންނަނީ އޭގެ ދިރާސާތައް ކުރަމުންނެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ތެލެސީމިއާ ލެބޯޓްރީ ޑިރެކްޓަރު ޑިރެކްޓާ އައިޝަތު ރަޝީދު ވިދާޅުވީ ކައިވެނި ފޯމާ އެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭ ގޮތަށް އޮންނައިރު ވެސް، ބައެއް ރަށްރަށުގައި މި ފަހަކާ ޖެހެންދެން ވެސް އެ ގޮތަށް ފޯމު ހުށަނޭޅިއަސް ކައިވެނިކޮށްދިން ކަމަށެވެ. 

އެކަން ފާހަގަވާން ފެށީ، އައިޝާ ވިދާޅުވި ގޮތުގައި، ޓެސްޓު ހެދުމަށް ޝީއަށް ދާ ބައެއް މީހުންގެ ފަރާތުންނެވެ. 

"އެގޮތަށް މީހުން އައީމަ މި އަހަނީ ދެ ބޭފުޅުން ވެސް ޓެސްޓުނުކޮށް ހެއްޔޭ މެރީ ކުރީ؟ އެހީމަ އެބަ ބުނޭ ރަށްރަށުގައި ކޮންމެހެން ނުޖެހެއޭ [ޓެސްޓު]ކުރާކަށް. ނުކުރާ ވާހަކަ [ބުނަނީ]،" އައިޝާ ވިދާޅުވި އެވެ.

"އެއްބައި ރަށްރަށުގައި އެހާ ސްޓްރިކްޓުކޮށް ފޮލޯނުކުރާހެންނޭ ހީވަނީ މިހާރު. މީގެ ހަމައެކަނި ބޭނުމަކީ، ގާނޫނަކުން ވެސް މިހާރު މަނައެއް ނުކުރޭ ދެ ކެރިއަރުން ކައިވެނިކުރުމަކަށް. ހަމަ އިނދެވޭ ގޮތަށް އޮންނަނީ. އެގޮތަށް އިންނައިރު އޭގެ ބޭނުމަކީ އިންފޯމްޑް ޑިސިޝަނެއްތޯ މި ނަގަނީ، ލިބެންޖެހޭ މައުލޫމާތެއް އެނގިގެންތޯ މި ޑިސިޝަން މޭކްކުރަނީ."

އޭނާ ވިދާޅުވި ގޮތުގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ސްކޫލުގައި އެކަމަށް ޓެސްޓުކުރުމެވެ. އަދި އެކަމަށް މީހުން ހޭލުންތެރިކުރުމަކީ، އަލަށް އުފަންވާ ތެލެސީމިއާ ކުދިން މަދުކުރަން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ 1 ގެ "އޮރެންޖު ހިޔާ" ގައި ހުންނަ ތެލެސީމިއާ ސެންޓަރުގައި ފިރިހެނުނަށް ހާއްސަ ވޯޑުގައި ބަޔަކު ލޭ ގުޅައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 1 ގެ "އޮރެންޖު ހިޔާ" ގައި ހުންނަ ތެލެސީމިއާ ސެންޓަރުގައި ފިރިހެނުނަށް ހާއްސަ ވޯޑުގައި ބަޔަކު ލޭ ގުޅައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު، އާއްމުން ހޭލުންތެރިކުރުވަން ރަށްރަށަށް ދިޔަ ނަމަވެސް ބައެއް ހިސާބުތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބޭ ކަމަށް އައިޝާ ވިދާޅުވި އެވެ.

އެގޮތަށް ފަރުވާ ކުޑަކުރެވި އަދި ބައެއް ހާލަތްތަކުގައި ކެރިއަރުންކަން އެނގެނީ ކައިވެންޏާ ހިސާބަށް ދާއިރު އެވެ. ތެލަސީމިއާ ދެ ކެރިއަރުންކަން އެނގުނަސް ކައިވެންޏާ ހިސާބަށް ދަނީ ދަރިފުޅު އުފަންވުމުގެ ކުރިން ތެލެސީމިއާ ޓެސްޓު ހެދޭތީ އެއީ ވެސް އިހުތިޔާރެއް ކަމަށް ބަލައިގެންނެވެ.  

ބަނޑަށް 120 ދުވަހުގެ ތެރޭގައި ޓެސްޓު ހެދުމަށްފަހު، ތެލެސީމިއާ ކުއްޖެއް ނަމަ އެ ދަރި ވައްޓާލުން ހުއްދަ ކަމަށް ވެސް ފަތުވާ ކޮމެޓީން ވަނީ 2013 ވަނަ ފަތުވާ ނެރެފައިވެ އެވެ. 

ނަމަވެސް، އައިޝާ ވިދާޅުވީ މާބަނޑުއިރު ފީޓަސްގެ ޓެސްޓު ހެދުން ވާން ޖެހޭނީ އެންމެ ފަހު ކަމަކަށެވެ.

"އާދައިގެ ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.

ޕްރިނޭޓަލް ޑައިގްނޯސިސް މި ވަގުތު ރާއްޖެއަކު ނުހެދެ އެވެ. އެކަމަކު، ޝީ މެދުވެރިކޮށް އިންޑިއާގެ ސީއެމްސީ ހޮސްޕިޓަލަށް ގޮސްގެން ސާމްޕަލް ނެގުން އަދި ކެއާ ޓްރަސްޓުން ސާމްޕަލް ނަގައިގެން ރާއްޖެއިން ބޭރުން ޓެސްޓު ހެދުނަސް، އެކަމަށް ބޮޑު ހަރަދެއް ހިނގަ އެވެ. އަދި އެ ސާމްޕަލް ނަގަން ޖެހެނީ ބަނޑުގައި އޮންނަ ކުއްޖާގެ ގައިން ކަމަށް ވާތީ، ބައިގެން ދިއުން ފަދަ ރިސްކެއް ދިމާވެދާނެ ކަން އައިޝާ ފާހަގަކުރެއްވި އެވެ. 

"އެހެންވެ، މި ބުނީ އެއީ އެންމެ ފަހު ކަމަކަށޭ ވާންޖެހޭނީ. ހަމަ ރެގިއުލާކޮށް ތިމަންނައަށް އޯކޭއޭ، ކުރެވޭނެއޭ ކަހަލަ ގޮތަކަށް [ނޫނޭ]." އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ތެލެސީމިއާ ކެރިއަ ދެމަފިރިންނަށް މާބަނޑު ދުވަސްވަރު ނަފްސާނީ އެހީތެރިކަން ނުވަތަ ޕީއެންޑީ ފަރުވާ ލިބުމަކީ މުހިއްމު ކަމަކަށް ވިއަސް ރާއްޖޭގައި މި ވަގުތު އެ ހިދުމަތް ނުލިބޭ ކަމަށް އައިޝާ ވިދާޅުވި އެވެ.

"މި ހިދުމަތް ރާއްޖޭގައި ތިބެގެން ލިބެން ހުރުމަކީ ވަރަށް ބޮޑު އެހީއަކަށް ވާނެ." 

މީހެއްގެ ކިބައިގައި ހުރި ސިއްހީ ނުވަތަ އެފަދަ ކަމަކާ ގުޅުވައި ކައިވެންޏެއް މަނާކުރުމަކީ ކުރެވިދާނެ ކަމެއްތޯ އެއީ ތެލަސީމިއާ ދެ ކެރިއަރުން ކައިވެނިކުރުން ހުއްޓުވުމާ މެދު އޮތް ދީނީ ބަހުސެކެވެ. އުފަންވާ ދަރިއަކަށް ސިއްހީ އެތައް ވޭނެއް އުފުލަންޖެހިދާނެ ބޮޑު ފުރުސަތެއް އޮތްކަން އެނގި ހުރެ ކައިވެނިކޮށް ދަރިން ހޯދުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކި ގައުމުތަކުގައި ދީނީ އިލްމުވެރިން ވާހަކަ ދައްކަވާފައި އެބަހުއްޓެވެ. އެކަމަކު ސީދާ ކަނޑައެޅިގެން މަނާކޮށްފައެއް ނެތެވެ. 

ތެލަސީމިއާ ކުއްޖަކަށް މީހަކު ލޭ ދެނީ: ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމާއި އިތުރު ފަރުވާތައް ގަވައިދުން ދިނުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވަނީ ވެފައި. -- ފޮޓޯ: މިހާރު
ތެލަސީމިއާ ކުއްޖަކަށް މީހަކު ލޭ ދެނީ: ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމާއި އިތުރު ފަރުވާތައް ގަވައިދުން ދިނުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވަނީ ވެފައި. -- ފޮޓޯ: މިހާރު

ސައޫދީ އަރަބިއްޔާގައި 2004 ވަނަ އަހަރުން ފެށިގެން އޮންނަނީ ކައިވެނީގެ ކުރިން ތެލަސީމިއާ އާއި ސިކްލް ސެލް ޑިޒީޒް އާއި އެޗްއައިވީ އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ޓެސްޓުކުރުން މަޖުބޫރުކޮށްފަ އެވެ. ތެލަސީމިއާ ކޮންޓްރޯލްކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އީރާންގައި 1997 ވަނަ އަހަރުން ފެށިގެން އޮންނަނީ ކައިވެނީގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކޮށް ދެ މީހުންނަކީ ކެރިއަރުން ނަމަ "ޖެނެޓިކް ކައުންސެލިން" ގެ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށެވެ. އެ ޕްރޮގްރާމް ބައްޓަންކޮށްފައި އޮންނަނީ އެފަދަ ދެ ކެރިއަރުން ކައިވެނިކުރުން ބުއްދިވެރި ނޫންކަން ވިސްނައިދިނުމުގެ މައްޗަށް ބިނާކޮށެވެ. 

ޔޫއޭއީ، ބަހްރެއިން، ގަތަރު އަދި ޖޯޑަންގައި ވެސް ކައިވެނީގެ ކުރިން ތެލަސީމިއާ އާއި ސިކްލް ސެލް އަދި ގައިންގަޔަށް އަރާ ނުރައްކާ ބަލިތަކަށް ޓެސްޓުކުރަންޖެހެ އެވެ. ތެލަސީމިއާ ދެ ކެރިއަރުން ނަމަ ނުވަތަ ނުރައްކާ ބައްޔެއް ހުރި ނަމަ ދެ މީހުން ކައިވެންޏާ މެދު އަލުން ވިސްނަން މުއްދަތެއް ދެ އެވެ. 

ތެލަސީމިއާ ކުދިން އެންމެ ގިނަ ކަމަށް ކުރިން ފާހަގަވެފައިވާ ސައިޕްރަސް، ގްރީސް އަދި އިޓަލީ ފަދަ ގައުމުތަކުގައި ތެލަސީމިއާ ކުދިން އުފަންވުން ވަރަށް ބޮޑަށް މަދުކޮށް ކޮންޓްރޯލްކުރީ ވެސް ތެލަސީމިއާއަށް ސްކްރީންކުރުމާއި ހޭލުންތެރިކަން އުފެއްދުމުގެ ވަރުގަދަ ޕްރޮގްރާމްތަކުންނެވެ. 

އެކަމަކު މިއިން ކޮންމެ ގައުމެއްގައި ވެސް އާންމު ސިއްހަތުގެ ނިޒާމުގެ ތެރެއިން ފަސޭހައިން ސްކްރީންކުރެވުމާއި ކައުންސެލިން ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްކޮށްދީފައިވެ އެވެ. 

ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ނުވެ އިތުރުވަމުން ދާއިރު، ދެ ކެރިއަރުންގެ ކައިވެނި މަނާކުރުމާ މެދު  އަދި ދީނީ ގޮތުން އާންމު ފޯރަމްތަކުގައި ވާހަކައެއް ނުދެކެވެ އެވެ. އެކަމަކު ތެލަސީމިއާ ކުދިން އުފަންވެ އެ ކުދިންނާއި އާއިލާތަށް އެތައް ވޭނެއްގައި މުޅި އުމުރު ހޭދަކުރަންޖެހޭ ސަބަބު ނައްތާލުމަށް މި ވާހަކަ ދައްކަން ޖެހެ އެވެ. މަނާ ނުކުރި ކަމުގައި ވިޔަސް ހޭލުންތެރިކަން އިތުރުކޮށް އެފަދަ ކައިވެނިތަކާ މީހުން ދުރުކުރަން މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް މަސައްކަތްކުރަން ޖެހެ އެވެ.

ތެލަސީމިއާ ކުދިންގެ އަދަދު އިތުރުވަމުންދާ ދިއުމުން އެނގެނީ ތެލަސީމިއާ ކުއްޖަކު އުފަންވެ އެ ކުއްޖަކު މުޅި އުމުރު ވޭނުގައި އުޅެންޖެހޭ ޖެހުމާ މެދު މައިންބަފައިންގެ ސީިރިއަސްކަމެއް ނެތްކަމެވެ.